27 އޯގަސްޓް 2018 - 07:28

ކަނޑުއަޑީގެ މަންޒަރުތައް ބަލައިލުމަކީ މިހާރު މާ އުނދަގޫ ކަމެއްނޫނެވެ. ކޮންމެހެން ފުޅި އަޅައިގެން އަޑިއަށްދާ ޑައިވަރަކަށް ވާކަށް ނުޖެހެއެވެ. ސްނޯކްލިން ސާމާނު އަޅައިގެން ފީނާކަށް ވެސް ނުޖެހެއެވެ. އެކަމަށް ޚާއްސަ އާލާތްތައް މިހާރު ބާޒާރުގައި އެބަހުއްޓެވެ. ތަފާތު އެކި ނަންނަމުގައި ފީނާ ޑްރޯންތައް ވިއްކަން އެބަހުއްޓެވެ. ބީޑަބްލިޔު ސްޕޭސް އަކީ 300 ފޫޓު އަޑިއަށް ފީނާ ޑްރޯނެކެވެ.

މި ޑްރޯން ފަރުމާކޮށްފައިވަނީ ވާޖަހައިގެން ފީނާ ގޮތަށެވެ. ބީޑަބްލިޔު ސްޕޭސްގެ އެހީގައި ރީތި ސާފު ފޮޓޯ އާއި ވީޑިއޯ ނެގުމަކީ އެއްވެސް ކަމެއް ނޫނެވެ. ޕްރޮފެޝަނަލް ފެންވަރުގެ ފޮޓޯ ނެގޭނެ ކަމަށް މި އުފެއްދި ކުންފުނިން ކަށަވަރުކޮށްދެއެވެ. މީގެ އެންމެ ހިތްގައިމު ކަމަކީ އޮޓޯ ޕައިލޮޓްކޮށް ދުއްވަމުން އޮޓޮމެޓިކުން ބޮކީގެ އަލި ބަދަލުކުރެވޭކަމެވެ. ރީތި މަންޒަރުތައް ރައްކާކުރަން ބޭނުންވާނެ މާހައުލެއް މި ޑްރޯނުން ފަހިކޮށްދެއެވެ. މުނިފޫހިފިލުވާލުމަށާއި ވިޔަފާރީގެ ބޭނުމަށް ވެސް މި ޑްރޯނުން ނަގާ މަންޒަރުތައް ބޭނުންކުރެވޭނެއެވެ.
ބީޑަބްލިޔު ޑްރޯންގެ މިފަހަރުގެ ވާޝަންއަކީ މީގެ ދެވަނަ ވާޝަންއެވެ. މީގެ ފުރަތަމަ ޑްރޯން ނެރުނީ 2016ވަނަ އަހަރެވެ. އެފަހަރު ނެރުނު ޑްރޯންއަށް އެކި ކަހަލަ ބަދަލުތައް ގެނެސް އިތުރަށް ރަގަޅުކުރުމަށްފަހު މި ފަހަރު މި ނެރުނު ވާޝަންއާ ދޭތެރޭ އެ ކުންފުނިން ވަރަށް ހިތްހަމަޖެހެއެވެ. ޚާއްސަކޮށް ފެން ނުވަންނަ ކެމެރާއާއި، އަލްޓްރާ ހައިޑެފިނިޝަން ފެންވަރުގެ މަންޒަރުތަކާއި، ގެންގުޅެން ފަސޭހަވުމާއި، މީގައި އެކުލެވޭ ސްމާޓް މޯޑްތަކަކީ ބީޑަބްލިޔު ސްޕޭސް ޑްރޯނަށް ހުރިހާ ފެންވަރެއްގެ މީހުންގެ ހިތްކިޔާ ސަބަބުތަކުގެ ތެރޭން ބައެއް ސަބަބުތަކެވެ.
ފުޅި އަޅައިގެން ފީނާ މީހުންނާއި، މަސްވެރިންނާއި، އަގަށް ފީނާ މީހުންނާއި، ކަނޑުގެ އިލްމަށް ޝައުގު ހުންނަ މީހުންނަށް ވެސް މިއީ ކަމުދާނެ ޑްރޯނެކެވެ.