26 އޯގަސްޓް 2018 - 16:08

ތެހެރާން (އޮގަސްޓް 26) - އީރާނުގެ މާލީ ވަޒީރު މައްސޫދު ކަރްބާސިއަން މަގާމުން ދުރުކުރުމުން ރައީސް ހަސަން ރޫހާނީގެ ސަރުކާރަށް ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި މާލީ ވަޒީރުގެ މަގާމުން ކަރްބާސިއަން ވަކިކުރީ 137-121 ވޯޓުންނެވެ.
ކަރްބާސިއަން އަކީ މި މަސް ތެރޭ ރޫހާނީގެ ކެބިނެޓުން ވަކިކުރި ދެ ވަނަ ވަޒީރެވެ. މި މަހު 8 ވަނަ ދުވަހު ވަނީ ލޭބާ މިނިސްޓަރު އަލީ ރާބިއާ ވެސް މަގާމުން ދުރުކޮށްފަ އެވެ.
މާލީ ވަޒީރު މަގާމުން ދުރުކުރި އިރު އީރާނުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގު ވަނީ ބޮޑުވެފަ އެވެ.
ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަކިވުމަށް ފަހު ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އީރާނުގައި މަސައްކަތް ކުރި ފްރާންސާއި ޖަރުމަނުގެ ކުންފުނިތަކުގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.
ސަރުކާރަށް ކުރިމަތިވާ ޕްރެޝަރާ ގުޅިގެން ރޫހާނީ ވަނީ އިތުރު ބުރައެއް ކޮނޑުގައި ނޭޅުވުމަށް އެދިވަޑައިގެންފަ އެވެ.
"މިއީ އެކަކު އަނެކަކަށް އެހީތެރިވާންވީ ވަގުތު. ބުރައެއް ކުރިމަތިވެފައިވާ ވަގުތެއްގައި މިއީ އިތުރު ބުރައެއް ކޮނޑު އަޅަންވީ ވަގުތެއް ނޫން،" ގައުމާ މުޚާތަބް ކުރައްވާ ރޫހާނީ ވިދާޅުވި އެވެ.