މެދުފަންތީގެ ފޯނުތަކަށް ބާރުގަދަ ފީޗާތައް
މެދުފަންތީގެ ފޯނުތަކަށް ބާރުގަދަ ފީޗާތައް

ސްމާޓްފޯން ކުންފުނިތަކުގެ މެދުގައި ވާދަވެރި މާކެޓަކަށް އިންޑިޔާ ވަނީ އެވެ. ޗައިނާ އަށް އުފަން ވާވޭ އަދި ޝޯމީ ބާރުގަދަ ފީޗާތާކާ އެކު އިންޑިޔާ އަށް އަރައި ސްމާޓްފޯން މާކެޓަށް ވަނީ ގަދަވެގެންފަ އެވެ. އެޕަލް އަދި ސެމްސަންގަށް މިކަން ވެފައި ވަނީ ރިހުމަކަށެވެ.

އިންޑިޔާ މާކެޓުން ތަނަވަސް ފުރުސަތެއް ހޯދަށް އެޕަލް ކުރި މަސައްކަތްތައް އަދި ވެސް ކޮޅެއްގައި ނުޖެހެ އެވެ. އިންޑިޔާގައި ވިޔަފާރި ފުޅާކުރުމަށްޓަކައި ކުރަން ހުރި ޚަރަދު، ލިބެން އޮތް ފައިދާ އަށް ވުރެ ބޮޑު ކަމަށް އެޕަލް އަށް ލަފާކުރެވޭތީ ކަމެއް ނުވެގެން އުޅެނީ އެވެ. މި ހާލުގައި އެޕަލް އުޅެނިކޮށް، އިންޑިޔާ މާކެޓް ތޮރުފާލަން ސެމްސަންގް ފޫގަޅައިފި އެވެ.

ސެމްސަންގެ ވިސްނުން ހުރި ގެލަކްސީ މަރުކާގެ ބާރުގަދަ ފޯނުތަކުގައި ހުރި ޒަމާނީ ފީޗާތައް، އިންޑިޔާ އަށް ޚާއްސަ ފޯނުތަކަށް ގެނައުމަށެވެ. ސެމްސަންގުން ބުނި ގޮތުގައި އެއީ މެދުފަންތީގެ ފޯނުތަކެއް ނަމަވެސް، ބާރުގަދަ ފީޗާތައް ހިމަނާނެ އެވެ.

ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން ނުހަނު ބޮޑުކަން ސެމްސަންގް ގަބޫލުކުރެ އެވެ. ފޯނުތައް ދަރަޖަކުރާ ގޮތް ބަދަލުކޮށްގެން ނަމަވެސް، ވާދަވެރިން ފައްސާލާނެ ގޮތެއް ހޯދަން ސެމްސަން ބޭނުންވެ އެވެ. ސްމާޓްފޯން މާކެޓްގައި މެދުފަންތީގެ ފޯނުތައް ދަރަޖަކުރެވޭ މިންގަނޑު އުފުލާލުމަކީ ވެސް އެ މީހުންގެ ވިސްނުމެވެ.

މެދުފަންތީގެ ފޯނުތަކަށް ބާރުގަދަ ފީޗާތައް ދިނުމުން، ގެލަކްސީ ނޯޓް އަދި ގެލަކްސީ އެސް މަރުކާގެ ފޯނުތަކާ އޮތް ދުރުމިން ކައިރިވީ އެވެ. އެ ގޮތުގައި ހާޑްވެއާގައި ބަލިކަށިކަމެއް ހުރި ހަމަވެސް، ސޮފްޓްވެއާއިން އެކަން ފޫބެދިގެން ދާނެ އެވެ. މިއީ ވަރަށް ކުރިއްސުރެ ސެމްސަންގުން ގެންގުޅޭ ވިސްނުމެކެވެ. ވާދަވެރިން ހިފަހައްޓައި މާކެޓަށް ފެތުރިގަތުމަށް މި އަށް ވުރެ ވަކިން މޮޅު ފިކުރެއް ނެތް ކަމަށް ގަބޫލުކުރެވުނީ އެވެ.