"އަރްޖުން ރެޑީ" އަށް ޝާހިދު ރެޑީ
"އަރްޖުން ރެޑީ" އަށް ޝާހިދު ރެޑީ

ޝާހިދު ކަޕޫރް ސޮއިކޮށްފައިވާ ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިންގެ ޝޫޓިން ފަށަން އޭނާ ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ ހަމަ އެ ނަމުގައި މިދިޔަ އަހަރު ނެރުނު ތެލެގޫ އެކްޝަން ޑްރާމާ އަސްލަކަށް ބަލައިގެން ހިންދީ އޯޑިއަންސަށް ގެނެސްދޭ ފިލްމެކެވެ. ހިންދީ ރިމެކިން ވެސް ޑައިރެކްޓް ކުރަނީ ތެލެގޫ ފިލްމް ޑައިރެކްޓް ކުރި ސަންދީޕް ވަންގާ އެވެ.

ފިލްމާ ބެހޭ ގޮތުން ޝާހިދު ބުނީ އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ޝޫޓިން ފަށަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. ފިލްމްގައި ކުޅޭ ކެރެކްޓާ އަށް އޭނާ ވަނީ ތުނބުޅި ވެސް ދިގު ކުރަން ފަށައިފަ އެވެ.

"އަރްޖުން ރެޑީ" އާ ބެހޭ ގޮތުން ޝާހިދު ބުނީ އެ ފިލްމަކީ އޭނާ އަށް ވެސް ވަރަށް ކަމުދިޔަ އަދި "ވަރަށް ޕާފެކްޓް" ފިލްމެއް ކަމަށެވެ.

"އެކަމަކު މީގެ ހިންދީ ރިމެކިންއެއް ހަދަން ނިންމައި އަހަންނަށް ފިލްމް ހުށަހެޅީމަ ހިތަށް ކީއްވެގެން ބާއޭ މީގެ ރިމެކިންއެއް ހަދަން އުޅެނީ. އަހަންނަށް އެ ފިލްމް ހަމަ ވަރަށް ވެސް ޕާފެކްޓް،" އަަންނަ މަހު ރިލީޒް ކުރާ "ބައްތީ ގުލް މީޓަރުޔ ޗާލޫ" ގެ އެކްޓަރު ބުންޏެވެ. "އަރްޖުން ރެޑީން ދޭ މެސެޖް ވަރަށް ވަރުގަދަ. އެހެންވެ މި ފިލްމް ކުޅެން އެއްބަސްވީ."

ޝާހިދު ބުނި ގޮތުގައި މުޖުތަމައުގެ ތެރޭގައި ހުންނަ ހަގީގީ މައްސަލަތަކަށް ފިލްމެއް ހަދާ ނަމަ އެއީ އޭނާ ވަރަށް ގަޔާވާ ކަމެކެވެ.

"އަރްޖުން ރެޑީ" ގައި ކިޔައި ދިނީ ލޯބިވެރިޔާ އެހެން މީހަކާ ކައިވެނި ކުރަން އާއިލާ އިން މަޖުބޫރު ކުރުމުން، މެޑިސިން ކިޔަވާ ޒުވާނަކު އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ދޫކޮށްލުމުން ދިމާވާ ހާދިސާތަކެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓީ ސީރީޒުން އުފައްދާ "އަރްޖުން ރެޑީ" ގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވާ ބަތަލާ ތާރާ ސުތާރިއާ އެވެ.