ގޯލްޑެން ގްލޯބްގެ މި ފަހަރުގެ ހޯސްޓަކަށް ޖިމީ ފެލަން
ގޯލްޑެން ގްލޯބްގެ މި ފަހަރުގެ ހޯސްޓަކަށް ޖިމީ ފެލަން

އޮސްކާ ފިޔަވައި ހޮލީވުޑްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގޯލްޑެން ގްލޯބްގެ ކުރިއަށް އޮތް އެވޯޑް ޝޯގެ ހޯސްޓަކަށް އެންބީސީގެ "ލޭޓް ނައިޓް ޝޯ" ގެ މަޝްހޫރު ހޯސްޓް ޖިމީ ފެލަން ހަމަޖައްސައިފި އެވެ.

އޭނާ އަށް އެ ފުރުސަތު ލިބުނުކަން ޓްވިޓާ މެދުވެރިކޮށް ޖިމީ ވަނީ ފޭނުންނާ ވެސް ހިއްސާކޮށްފަ އެވެ.

އެންބީސީ އެންޓަޓައިންމަންޓްގެ ޗެއާމަން ރޮބަޓް ގްރީންބްލަޓް ވަނީ ޖިމީ ގޯލްޑެން ގްލޯބްގެ 74 ވަނަ އެވޯޑް ހަފުލާ ހުށަހަޅައި ދޭން ހަމަޖެހުނުކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

"އެހެންވީމާ މި ފަހަރުގެ ގޯލްޑެން ގްލޯބް އެވޯޑް ހަފުލާވެގެން ދާނީ ވަރަށް ފުރިހަމަ އަދި ފޫހި ކަމެއް ނެތި ބަލާލެވޭ މަޖާ ހަފުލާއަކަށް. ޖިމީއަކީ މިކަހަލަ އެވޯޑް ހަފުލާއެއް ހޯސްޓް ކުރަން ވަރަށް އެކަށީގެންވާ ފަންނާނެއް،" ރޮބަޓް ބުންޏެވެ.

ގޯލްޑެން ގްލޯބް އެވޯޑް ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އަށެއްގަ އެވެ. އެ ހަފުލާ އޮންނާނީ ބެވަލީ ހިލްސްގަ އެވެ.

ގޯލްޑެން ގްލޯބްގެ ހޯސްޓަކަށް ޖިމީ، 41، ހަމަޖެއްސި އިރު، އޭނާއަކީ ބޮޑެތި އެވޯޑް ހަފުލާތައް ހޯސްޓް ކުރަން އެއްގޮތަކަށް ވެސް އާ މީހެއް ނޫނެވެ. އޭނާ ވަނީ 2010 ވަނަ އަހަރު އެމީ އެވޯޑް ވެސް ހޯސްޓްކޮށްފަ އެވެ.

ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓްވާ ފަރާތްތައް އަންނަ ޑިސެމްބަރު މަހުގެ 12 ގައި އިއުލާންކުރާނެ އެވެ.

އޮސްކާ ލިބޭ ފަރާތްތައް ކަށަވަރުވާ ހަފުލާއެއްގެ ގޮތުގައި ބެލެވޭ ގޯލްޑެން ގްލޯބް އެވޯޑް ހަފުލާއަކީ 236 އަށް ވުރެ ގިނަ ގައުމަކުން ލައިވްކޮށް ބަލާ ހަފުލާއެކެވެ.