ޓަގު ބޯޓުގެ މައްސަލާގައި 21 މިލިއަން ރުފިޔާ އެމްޕީއެލް ދައްކާކަށް ނުޖެހޭނެ: ހައި ކޯޓް
ޓަގު ބޯޓުގެ މައްސަލާގައި 21 މިލިއަން ރުފިޔާ އެމްޕީއެލް ދައްކާކަށް ނުޖެހޭނެ: ހައި ކޯޓް

މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) އަށް ޓަގު ބޯޓެއް ބަނުމަށް އަމިއްލަ ކުންފުންޏަކަށް ދިން މައްސަލާގައި އައިޑިއަލް ޓައިމް ޗާޖްގެ ގޮތުގައި އެމްޕީއެލް އިން ދައްކަން ޖެހުނު 21 މިލިއަން ރުފިޔާ އެމްޕީއެލް އިން ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ސެންޓަ އެންޓަ ޕްރައިސަސް އަށް 21.1 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް 2016 ގައި ސިވިލް ކޯޓުން ހުކުމްކުރީ އެމްޕީއެލް އަށް ޓަގު ބޯޓެއް ބަނުމަށް 2008 ގައި އެ ކުންފުންޏާ ހަވާލުކޮށްފައި ވަނިކޮށް، އެ ބޯޓު ސަޕްލައި ކުރުމުގެ މަސައްކަތް ހުއްޓިފައި އޮތް މުއްދަތުގެ އައިޑިލް ޓައިމް ޗާޖްގެ ގޮތުގައި 13 މިލިއަން ރުފިޔާ އާއި އެ ފައިސާ ނުދެއްކުމުން އޭގެ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދަން ސެންޓަ އެންޓަ ޕްރައިސަސް އިން ދައުވާ ކުރުމުންނެވެ.

އެ ހުކުމް ހައި ކޯޓުން މި މަހުގެ 16 ވަނަ ދުވަހު ބާތިލްކުރީ އެ މައްސަލަ އެމްޕީއެލް އިން އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ބޯޓުގެ މަސައްކަތް ހުއްޓިފައި އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުންތަކާ ގުޅިގެން ކަން ސެންޓަ އެންޓަޕްރައިސަސް އަށް އެނގޭއިރު، އައިޑަލް ޓައިމް ޗާޖް ކުޑަކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އަމިއްލަ އިހްތިޔާރީ ފިޔަވަޅަކުން ގެއްލުމެއް ކުޑަ ކުރެވޭ ނަމަ، ގެއްލުން ކުޑަ ކުރުމުގެ ޒިންމާ އޮތީ ގެއްލުން ލިބެމުންދާ ފަރާތަށް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އައިޑަލް ޓައިމް ޗާޖަށް ވާ 21 މިލިއަން ދައްކަން ނުޖެހޭނެ ކަމަަށް ހައި ކޯޓުން ހުކުމް ކުރިއިރު، އެ މަސައްކަތުގެ އަގު ނުދައްކާ މުއްދަތަށް ވާ ޖޫރިމަނާގެ ގޮތުގައި 138 މިލިއަން ރުފިޔާ ދައްކަން ވެސް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ ވެސް އެމްޕީއެލް އިން އޮތީ އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ ހުކުމް ހައި ކޯޓުން އަދި ނީއްވަ އެވެ.