ސްޕެނިޝް ލީގު މެޗެއް އެމެރިކާގައި ނުކުޅޭނެ: ލޮޕެޓެގީ
ސްޕެނިޝް ލީގު މެޗެއް އެމެރިކާގައި ނުކުޅޭނެ: ލޮޕެޓެގީ

މެޑްރިޑް (އޮގަސްޓް 26) – ސްޕެނިޝް ލީގުގެ މެޗެއް އެމެރިކާގައި ކުޅެން ރޭވި ރޭވުން ކުރިއަށް ނުދާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ހުލެން ލޮޕެޓެގީ ބުނެފި އެވެ.

ސްޕެނިޝް ލީގުން މިދިޔަ ހަފުތާގައި ވަނީ އަހަރަކު އެއް މެޗު އެމެރިކާގައި ކުޅޭނެކަން އިއުލާންކޮށްފަ އެވެ. އެކަމަކު އެ މެޗުގައި ވާދަކުރާނެ ޓީމުތަކެއް ވެސް އަދި ކުޅޭނެ ތާރީހެއް ވެސް ނުބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއް ކޮޅުން ކުޅޭނީ ރެއާލް މެޑްރިޑް ނުވަތަ ބާސެލޯނާ އެވެ.

ސްޕެއިނުގެ ކުޅުންތެރިންގެ ޖަމިއްޔާ އިން ވަނީ މިދިޔަ ހަފުތާގައި ބައްދަލުކޮށް މިކަމާ ދެކޮޅަށް ތެދުވާނެ ކަމަށް ބުނެފަ އެވެ. އެ ޖަމިއްޔާ އިން ފުޓްބޯޅަ ހަމައެކަނި ފައިސާ އާއި ވިޔަފާރިއަށްޓަކައި ކުޅޭ މަންޒަރު ބަލަން އާދަވެފައިވާ ކަމަށާއި ކުޅުންތެރިންގެ ސިއްހަތާއި ކުޅުންތެރިންނަށް ކުރިމަތިވެދާނެ ރިސްކުތަކާ މެދު ލީގުގެ އޮފިޝަލުން ނުވިސްނާ ކަމަށެވެ.

ލީގުގެ އެންމެ ނުފޫޒު ފަދަ ޓީމުގެ ކޯޗު ލޮޕެޓެގީ ބުނީ ކުޅުންތެރިންގެ ވިސްނުމަށް އޭނާ ތާއީދުކުރާ ކަމަށާއި ކުޅުންތެރިން އެކަމާ ދެކޮޅުވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"އަހަންނަށް ނުފެނޭ އެކަން ކުރިއަށްދާނެތަނެއް. މިއީ އަހަރެންގެ ހިޔާލު. މިކަމުގައި އަހަރެން މިހިރީ ކުޅުންތެރިންނާ އެއްކޮޅުގައި،" ލޮޕެޓެގީ ބުންޏެވެ.

ވޯލްޑް ކަޕުގެ ކުރިން ރެއާލް މެޑްރިޑާ ހަވާލުވާން އެއްބަސްވުމުން، ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަން ގެއްލުނު ލޮޕެޓެގީގެ އިރުޝާދުގެ ދަށުން މެޑްރިޑް ކުޅޭ ދެ ވަނަ މެޗުގައި ޖިރޯނާއާ ދެކޮޅަށް މެންދަމު 1:15 ގައި ނުކުންނާނެ އެވެ. ފުރަތަމަ މެޗުން އެ ޓީމު ވަނީ ގެޓަފޭ އަތުން 2-0 އިން މޮޅުވެފަ އެވެ.