26 އޯގަސްޓް 2018 - 10:46

އިންޑޮނީޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފިރިހެން ސިންގްލްސް ބައިގެ ގަދަ 16 ކުޅުންތެރިންގެ ތެރޭގައި ވާދަކޮށް ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިއާ ޒަޔާން ޒަކީ ޓާގެޓެއް ހާސިލްކޮށްފި އެވެ.
މުބާރާތުގެ ގަދަ 16 ކުޅުންތެރިން ވާދަކުރާ ބުރުގެ ޖާގައެއް ޒަޔާން ހޯދީ އަފްގާނިސްތާންގެ ސައީދު އިމްރާން މެރީ އަތުން މޮޅުވެގެންނެވެ. ދެ ވަނަ ބުރުން ޒަޔާން ބަލިވީ ދުނިޔޭގެ ރޭންކިންގެ 14 ވަނައިގައި އޮތް ޖަޕާނުގެ ނަޝިމޯޓޯ ކެންޓާ އަތުން ބަލިވުމުންނެވެ. ނަޝިމޯޓޯ ވަނީ މި އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންޝިޕްގެ ގަދަ 16 ކުޅުންތެރިން ވާދަކުރާ ބުރުގައި ކުޅެފަ އެވެ.
ތިރީސް އެއް މިނިޓަށް ދިގުލައިގެން ދިޔަ މެޗުން ނަޝިމޯޓޯ ވަނީ ސީދާ ދެ ސެޓުން ޒަޔާން ބަލިކޮށްފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-07، 21-10 އިންނެވެ. މި މެޗުން ބަލިވި ނަމަވެސް ޒަޔާން ދެކޭގޮތުގައި އޭނާ އަށް ކުރިއެރުމެއް ލިބުނެވެ.
"މިއީ ވަރަށް އުނދަގޫ މެޗެއް. އަށް ވަނަ އަށް ސީޑްކޮށްފައި ދުނިޔޭގެ 14 ވަނައާ ދެކޮޅަށް މި ކުޅެން ޖެހުނީ. ބަލިވިޔަސް ހިތްހަމަ ޖެހުމަކީ ޓާގެޓެއް ހާސިލްވުމުން. އެއީ ޓޮޕް ރޭންކް ކުޅުންތެރިއަކާ ދެކޮޅަށް 30 މިނިޓަށް ވުރެ އިތުރަށް ކުޅުން،" ޒަޔާން ބުންޏެވެ.
އެންމެ ފަހުން ގައުމީ ޓީމު ވާދަކުރި މޮރިޝަސް މުބާރާތުގައި ޒަޔާނަށް ބައިވެރިވެވޭ ގޮތް ނުވީ އެސޯސިއޭޝަނާ އޭނާއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ. އެކަމަކަށް ހައްލެއް ހޯދައި، މި ފަހަރުގެ މުބާރާތުގައި ޒަޔާން ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ.
އަނިޔާއިން ރަނގަޅުވެ އަލުން ގައުމީ ޓީމުގައި މި ފަހަރު ހިމެނުނު ނީލާ ނަޖީބު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގައުމީ ބެޑްމިންޓަން ޓީމު އެންމެ ފަހުން މޮރިޝަސް ސީރީސް އަށް ދިޔައިރު، އަނިޔާއާ ގުޅިގެން ނީލާ ޓީމާ އެކު ނުދެ އެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހު ނީލާ ވާތުގެ އިނގިއްޔަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އަށް އެންމެ ރަނގަޅަށް ޓްރެއިނިން ކުރިއަށްގެންދަން އުނދަގޫތަކެއްވި އެވެ. އެކަމަކު ޓްރެއިނިންގައި ގަވާއިދުން ބައިވެރިވެ، ނީލާ ވަނީ މި ފަހަރުގެ ޓީމުން ފުރުސަތު ހޯދައިފަ އެވެ.
ޓީމު އިވެންޓް ބައިގައި އަންހެން ޓީމު ކުއާޓާ ފައިނަލަށް ދިއުމުގައި ނިލާގެ ދައުރު ބޮޑެވެ. ފަހަތުން އަރައި ނޭޕާލް އަތުން ރާއްޖެ މޮޅުވިއިރު އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ނީލާ އެވެ. އަދި އަންހެން ޑަބަލްސް އިވެންޓުގައި ނީލާ އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ ބަލިވީ ޕާކިސްތާނުގެ ގަޒާލާ ސިއްދީގާއި ސައިމާ ވާގަސް އަތުން 2-1 ސެޓުންނެވެ.
ދުރު ރާސްތާ ޕްލޭނަކާ އެކު ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވަމުންނެވެ. އެސޯސިއޭޝަނުން ދެކޭގޮތުގައި އަންނަ އަހަރުގެ އެ ދެ މުބާރާތުގައި ރާއްޖެ އަށް ރަން މެޑެއްޔެއް ހޯދުމުގެ އުއްމީދު ބޮޑެވެ.