ލާޒިއޯ ބަލިކޮށް ޔުވެންޓަސް އެއް ވަނައިގައި
ލާޒިއޯ ބަލިކޮށް ޔުވެންޓަސް އެއް ވަނައިގައި

ޓިއުރިން (އޮގަސްޓް 26) – ޔުވެންޓަސްގެ ސްޓޭޑިއަމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުން ރޭ، ލާޒިއޯ އަތުން 2-0 ޔުވެންޓަސް މޮޅުވެއްޖެ އެވެ.

ފުރަތަމަ ދެ މެޗުން މޮޅުވެ ޔުވެންޓަސް ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ވާދަވެރި ނަޕޯލީ ވަނީ ފަހަތުން އަރައި އޭސީ މިލާން އަތުން 3-2 އިން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށް ދެ ވަނައިގަ އެވެ.

ޔުވެންޓަސް އިން 100 މިލިއަން ޔޫރޯ އަށް ގެނައި ރޮނާލްޑޯ އަށް ދެ މެޗުން ލަނޑެއް އަދި ނުޖެހެ އެވެ. ފުރަތަމަ މެޗުގައި އޭނާ ސެންޓަ ފޯވާޑަކަށް ކުޅުމަށް ފަހު، ފަހުން ވިންގަށް ކުޅުނުއިރު ރޭ ކުޅުނީ ވެސް ވިންގަށެވެ.

ޔުވެންޓަސް 30 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މިރެލަމް ޕިޔަނިޗެވެ. ދެ ވަނަ ގޯލް 75 ވަނަ މިނެޓުގައި ޖެހީ މާރިއޯ މަންޒުކިޗެވެ. މިއީ ރޮނާލްޑޯ އަށް ލިބުނު ފުރުސަތެކެވެ. އެކަމަކު އޭނާ އަށް ގޯލަށް ވައްދާލެވޭ ގޮތް ނުވެ މަންޒުކިޗަށް އެ ބޯޅަ ލިބުނީ އެވެ. ރޮނާލްޑޯ އަށް އޭނާގެ ރަސްމީ ހިސާބުން ހިލޭ ޖެހުމެއް ވެސް ލިބި ބޭކާރުވި އެވެ.

ނަޕޯލީގެ ދަނޑުގައި އެ ޓީމާއި މިލާން ރޭ ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ މިލާނުންނެވެ. ފުރަތަމަ ގޯލް 15 ވަނަ މިނެޓުގައި ޖިއަކޯމޯ ބޮނަވެންޗޫރާ ޖެހިއިރު ދެ ވަނަ ގޯލް ޖެހީ 49 ވަނަ މިނެޓުގައި ޑެވިޑޭ ކަލަބްރިއާ އެވެ. މި ދެ ގޯލާ ހަމަޔަށް މިލާނުން ރަނގަޅަށް ކުޅުނު ނަމަވެސް ފަހުން ނަޕޯލީން އެއްކޮށް ކޮންޓްރޯލް ނެގި އެވެ. އެ ޓީމުގެ ފުރަތަމަ ދެ ގޯލް ޕިއޮޓްރޭ ޒިއެލިންސްކީ ޖެހިއިރު ފަހު ގޯލް ޖެހީ ބަދަލު ކުޅުންތެރިޔާ ޑްރިއެސް މާޓިންސް އެވެ.

ރޭގެ މެޗަކީ ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިލާނުގެ ކޯޗަކަށް ހުރީ އަންޗެލޮޓީގެ ކޯޗުކަމުގައި މިލާނުގައި މޮޅު ކުޅުމެއް ދެއްކި ޖެނާރޫ ގަޓޫސޯ އެވެ.