26 އޯގަސްޓް 2018 - 09:49

ލިވަޕޫލް (އޮގަސްޓް 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 1-1 އިން ވުލްވްސްއާ އެއްވަރުވުމުގެ ފައިދާ ނަގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރައިޓަން އަތުން 1-0 އިން މޮޅުވެ ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިދިޔަ ސީޒަނުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ވުލްވްސް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީޑުނެގީ މެޗުގެ 57 ވަނަ މިނިޓްގައި ވިލީ ބޮލީ ޖެހި ގޯލުންނެވެ. ވެއްޓިގެންފައި ބޮލީ ބޮލުން ޖަހަން އުޅުނު ބޯޅަ ގޯލަށް ވަނީ އޭނާ އަތުގައި ވެސް ޖެހިފަ އެވެ. އޭގެ ކުރިން ލީޑުނަގަން ސިޓީގެ ސާޖިއޯ އަގުއޭރޯ ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ރަހީމް ސްޓާލިން ފޮނުވާލި ހަމަލާ ވުލްވްސް ކީޕަރު ރުއީ ޕެޓްރީސިއޯ ވަނީ މަތަކޮށްފަ އެވެ.
ސިޓީ އަށް ނަތީޖާ ހަމަހަަމަ ކޮށްދިނީ ފްރާންސްގެ ޑިފެންޑަރު އަޔެމެރިކް ލަޕޯޓް އެވެ. މެޗުގެ 69 ވަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ލަޕޯޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ ފަހު ވަގުތު އަގުއޭރޯ ހިލޭ ޖެހުމަކުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗަށް ފަހު ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ އޭނާގެ ޓީމުން މެޗަށް ނުކުތީ ވަކި ކަމެއް ސާބިތުކޮށްދޭން ނޫން ކަމަށާއި އެކަމަކު މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ލީގުގައި މޮޅެއް ލިބިފައިނުވި ނަމަވެސް ސިޓީ އަތުން ޕޮއިންޓެއް ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލީގުގެ ފަހު ކޮޅަށް ދާއިރު މި މެޗުން މި ލިބުނު ޕޮއިންޓްގެ މުހިއްމުކަން ފެންނާނެ ކަމަށާއި ވުލްވްސް އަކީ އަމިއްލަ ދަނޑުގައި މޮޅަށް ކުޅޭ ޓީމަކަށްވާތީ އެ ޓީމާ ދެކޮޅަށް ކުޅޭއިރު އެެހެން ޓީމުތައް އަތުން ވެސް ޕޮއިންޓް ގެއްލޭނެ ކަމަށެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ. ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ސަލާހު މި ލަނޑު ޖެހީ އޭރިއާ ތެރެއިންނެވެ. މިދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހު ރޭ ލިވަޕޫލާ ދެކޮޅަށް ވެސް ބްރައިޓަން އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި މެޗުގެ ފަހު ވަގުތު ބްރައިޓަން އިން ނަތީޖާ ހަމަހަމަ ކުރުމަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ތެރެއިން ޕަސްކާލް ގްރޮސް ބޮލުން ޖެހި ބޯޅަ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ.
މި މޮޅާ އެކު ލިވަޕޫލް ވަނީ ޖެހިޖެހިގެން ތިން މެޗުން ހޯދި މޮޅާ އެކު ނުވަ ޕޮއިންޓް ހަމަކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން ވަނީ 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. މިއީ އުނާއި އެމެރީ ހަވާލުވިފަހުން އާސެނަލް ލީގުގައި މޮޅުވި ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ވެސްޓް ހޭމް އިން ލީޑުނެގީ މާކޯ އާނައުޓޮވިޗް ޖެހި ގޯލުންނެވެ. އާސެނަލަށް އެއްވަރުކޮށްދިނީ ނަޗޯ މޮންރެއާލް އެވެ. ދެ ވަނަ ހާފްގައި އަލެކްސެންޑާ ލަކަޒޭޓް އެރި ފަހުން އާސެނަލްގެ ކުޅުން ރަނގަޅުވި އެވެ. އާސެނަލް ލީޑުނެގީ ލަކަޒޭޓް ޖެހި ބޯޅައަކުން ވެސްޓް ހޭމްގެ އިސާ ދިއޮޕް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އާސެނަލްގެ ފަހު ގޯލު ޖެހީ ޑެނީ ވެލްބެކް އެވެ.
މި މެޗުގައި އާސެނަލްގެ ޖަރުމަނު ތަރި މެސުޓް އޮޒިލް ނުކުޅެ އެވެ. އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮޒިލް އާއި އެމެރީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ރޭގެ މެޗަށް ފަހު އެމެރީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އޮޒިލް ރޭ ނުކުޅުނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ކަމަށް ބުންޏެވެ.