26 އޯގަސްޓް 2018 - 14:23

މި ފަހުން ރާއްޖެ އަށް ޗުއްޓީ އަށް އެންމެ ގިނަ އިން އަންނަ އިންޑިއާގެ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ. މި އަހަރުގެ ކުރީކޮޅު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައި ބަތަލާ މިހާރު ވެސް ހުރީ ޗުއްޓީއެއްގައި ރާއްޖޭގަ އެވެ.
ޕަރިނީތީ މި ފަހަރުގެ ތިން ދުވަހުގެ ޗުއްޓީ ދަތުރުގައި އޭނާ ހުންނަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ޕަރިނީތީ ޗުއްޓީ އަށް ރާއްޖެ އައި އިރު، އޭނާ ވަނީ މިދިޔަ ހަފުތާގައި އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ ފިލްމު "ޖަބަރިއާ ޖޯޅީ" ގެ މަސައްކަތް ވެސް ފަށައިފަ އެވެ. މި ފިލްމުގައި ޕަރިނީތީ ފެނިގެން ދާނީ ސިދާތު މަލްއުތުރާއާ އެކުގަ އެވެ.
ހަމަމިއާ އެކު މިދިޔަ ހަފުތާވެގެން ދިޔައީ ޕަރިނީތީ އަށް ވަރަށް ހާއްސަ ހަފުތާއަކަށެވެ. އެއީ އޭނާގެ ދެބެންގެ ދެދަރި ދައްތަ އަދި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ތަރި ނިކް ޖޯނަސްގެ އެންގޭޖްމަންޓް ވެސް ރަސްމީކޮށް އިންޑިއާގައި އިއުލާން ކުރުމެވެ. އެގޮތުން އެންގޭޖްމަންޓް ޕާޓީގައި އެންމެ ފޯރި ނެގި އެކަކީ ޕަރިނީތީ އެވެ.
ފިލްމީ މަސައްކަތުގައި ބިޒީކޮށް އުޅެމުން ލިބޭ ފުރުސަތެއްގައި ޗުއްޓީ ހަދައިލަން ޕަރިނީތީ އަބަދު ވެސް ވަރަށް އިސްކަމެއް ދޭ އިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޮންނަ އޮކްޓޯބަރު 19 ގައި ރިލީޒް ކުރާ "ނަމަސްތޭ އިންގްލެންޑް" އިންނެވެ.
އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ސަންދީޕް އޯރް ޕިންކީ ފަރާރް" އަދި އަކްޝޭ ކުމާރާ އެކު ކުޅޭ "ކެސަރީ" އެވެ.
"ނަމަސްތޭ އިންގްލެންޑް" އާއި ""ސަންދީޕް އޯރް ޕިންކީ ފަރާރް" ގައި ޕަރިނީތީގެ ބަތަލަކީ އަރްޖުން ކަޕޫރެވެ.
އެންމެ ފަހުން ޕަރިނީތީ ބޮޑު ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ގޯލްމާލް އެގެއިން" އެވެ.