26 އޯގަސްޓް 2018 - 07:03

އާދިއްތަ ދުވަހާ ގުޅޭ
ކުރިން ޖިނާއާ ދިމާއަށް ބަލައިލިހެން އަނެއްކާ ވެސް ޒޫނާ ބަލައިލިއެވެ. ޖިނާގެ ރާގާއި ބަހުރުވަ މާ ބޮޑަށް ޖިންނިޔާ ވައްތަރީއެވެ. ޒޫނާ މަޑުމަޑުން ޖިނާގެ މޫނުގައި ފިރުމައިލިއެވެ.
"ތީ އޭނައަށް ވުރެ މާ ލޯބިވާ އިންސާނެއްނު!" އޯގާތެރިކަމާ އެކުގައި ޒޫނާ ބުންޏެވެ.
"އިންސާނުންގެ ވާހަކަނުދައްކާ!" ޖިނާ ބުންޏެވެ. "އަހަރެން ޒޫނާދެކެ ލޯބިވާ ވަރަށް ޖިންނިއަކަށް ވެސް ޒޫނާދެކެ ލޯތްބެއް ނުވެވޭނެ."
ރިސޯޓު ފުޓްބޯޅަ މުބާރާތް ކުޅެވުނު ދުވަސްވަރެވެ. ޢަލީ ވަޒީފާއަދާކުރާ ރިސޯޓު ކުޅެންޖެހޭ މެޗު އޮތީ ގުރައިދޫގައެވެ. އެ ރަށުގެ ދަނޑާ ބެހޭގޮތުން ޢަލީއަށް އިވިފައިވަނީ ހިތް ނުތަނަވަސް ކުރުވި ވާހަކައެކެވެ. އެންމެ ފަހުން އެ ދަނޑުގައި ކުޅުނު މެޗުގައި ކުޅުންތެރިންތަކެއް އަނބުރައިގަނެގެން ވެއްޓުނީއެވެ. އެއްބަޔަކު ބުނިގޮތުގައި އެއީ މެޗުން ބަލިވާތީ ކުޅުންތެރިން ހެދި މަކަރެކެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ މެޗުން މޮޅުވި ޓީމުން ހެދި ފަންޑިތައިގެ އަސަރެވެ. އެ ފަންޑިތަ ވަޅުލައިފައި އޮތީ ދަނޑުގައެވެ. އެ ދުވަސްވަރު ގުރައިދޫގައި ވަރަށް މޮޅު ސިހުރުވެރިއެއް އުޅުނެވެ. ޢަލީއަށް އިވިފައިވާ ގޮތުން އެ ސިހުރުވެރިޔާއަކީ އިދިކޮޅު ޓީމުގެ ގޯލުކީޕަރުގެ ތިމާގެ މީހެކެވެ. މަންމަ ނިޔާވުމުން ލިބިފައިވާ ހިތްދަތިކަމާއި، ލޯބިވެރިޔާ ދެކެ އައިސްފައިވާ ރުޅީގެ ސަބަބުން ޢަލީގެ ސިކުނޑި އެންމެ ފުރިހަމަކޮށެއް މަސައްކަތެއް ނުކުރެއެވެ. ޢަލީއަށް ހީވަނީ އިދިކޮޅު ޓީމުން ސިހުރު ވަޅުލާނެހެންނެވެ. ޓީމުގެ މެނޭޖަރުގެ ހައިސިއްޔަތުން ޢަލީގެ ބޮލުގައި އެޅިފައިވަނީ ބޮޑު ޒިންމާއެކެވެ. އޮމާންކަމާއެކު މެޗުކުޅުމަށް ފަހު ކުޅުންތެރިން އަނބުރައި ރިސޯޓަށް ގެންދިއުމެވެ. ކޮންމެ ޓީމެއް މޮޅުވިޔަސް ޢަލީއަށް އެ ކަން ހަޖަމުކުރެވޭނެއެވެ. އެކަމަކު ޓީމުގެ ކުޅުންތެރިން ރިސޯޓަށް ދާންވާނީ ގަދަވެ ސަލާމަތުން ތިބެގެންނެވެ.
މެޗުކުޅެން ހަމަޖެހިފައިއޮތީ ހޯމަ ދުވަހެއްގައެވެ. އާދީއްތަ ދުވަހުގެ މެންދުރުފަހު ޢަލީ ހުރީ ގުރައިދޫގައެވެ. އިރުއޮއްސުމުން ކޮންމެ ތިރީސް މިނެޓަކުން އެއްފަހަރު ޢަލީ ދަނޑު ވަށައި ބުރެއްޖަހައެވެ. ބައެއްފަހަރު ސައިކަލުގައެވެ. ބައެއްފަހަރު ފައިމަގުގައެވެ. އެކަނިމާއެކަންޏެވެ. ދަންވި ވަރަކަށް ބުރު އިތުރުކުރިއެވެ. އެކަމަކު އާދަޔާ ޚިލާފުކަމެއް ޢަލީގެ ލޮލަކު އަޅައެއްނުގަތެވެ. ދަންވަރު އެއްގަޑި ބައިވުމާ ހަމައަށެވެ. ބައިގެ ފަހުން ޢަލީ ދަނޑު ކައިރިއަށް އައި ފަހަރު، ދަނޑުމަތީގައި މީހަކު އުޅޭހެން ހީވިއެވެ. ވީމާ، ސައިކަލު ބަހައްޓައިފައި ޢަލީ ދަނޑުމައްޗަށް އެރިއެވެ. އަލިކުރީ ފޯނުންނެވެ. ލަސް ހިނގުމެއްގައި ޢަލީ ގޮސް މެދުބުރު ތެރޭގައި ހުއްޓުނެވެ. ދަނޑުމައްޗަކު އެކަކު ވެސް ނެތެވެ. ޢަލީއަށް ފެންނަނީ އަލިވެފައިވާ ތަންކޮޅު އެކަންޏެވެ. ދެން ހަދާނެގޮތަކާ މެދު ވިސްނަން ހުއްޓައި، ކުއްލިއަކަށް "އެއްޗެއް" ހުރަސްކުރިހެން ހީވިއެވެ. ޢަލީ ދިޔައީ ސިއްސައިގެންނެވެ. ހިތަށްއެރިއެވެ. ޔަގީނެވެ. އެ ވާނީ ސިހުރު ވަޅުލަންއުޅޭ މީހަކަށެވެ.
"ކާކު؟" ޢަލީ ސުވާލުކުރިއެވެ.
ޖަވާބެއް ނުލިބުނެވެ. އެހެންނަމަވެސް، ދުވާ އަޑު އިވުނުހެން ހީވިއެވެ. ވަރަށް ގާތުންނެވެ. ޢަލީ އެކި ފަރާތްފަރާތަށް އެނބުރިފައި އަލިކުރިއެވެ. ދަނޑު އޮތީ ހުސްކޮށެވެ. ފަޅުކޮށެވެ. ހަމަހިމޭންކޮށެވެ. ކުއްލިއަކަށް އަލިގަނޑު ތެރެއަށް އެއްޗެއް ވަނެވެ. ސިއްސައިގެންދިޔަލެއް ބޮޑުކަމުން ޢަލީ ފަހަތަށް ވެއްޓުނެވެ. ނަސީބަކުން ފޯނު ދުލެއް ނުވެއެވެ. ޢަލީ ރަނގަޅަށް ފޯނުން އަލިކުރިއެވެ. ކުރިމަތީގައި ހުރީ ކުޑަ ފިރިހެންކުއްޖެކެވެ. ރަތްކުލައިގެ ސޯޓެއް އެކަނި ލައިގެންހުރި، އަށެއްކަ އަހަރުގެ ކުއްޖެކެވެ. އޭނަ ބަލަހައްޓައިގެން ހުރީއެވެ. ދެ ލޯ ބޮޑުވެފައި ހުދެވެ.
"ކާކުތީ؟" ޢަލީ އެހިއެވެ. "ކީއްކުރަން މި ގަޑީގަ ދަނޑުމައްޗަށް އަރައިގެން ތި އުޅެނީ؟ ކާކާ އެއްކޮށް އައިސްގެން ތި އުޅެނީ؟"
އެ ކުއްޖާ ޖަވާބެއް ނުދިނެވެ. ނުވެސް ދިޔައެވެ. ބުދެއްހެން ހުރީއެވެ.
"ކޯޗެއް ވަޅުލަން ތި އުޅެނީ؟" ޢަލީ އަނެއްކާ ވެސް ސުވާލުކުރިއެވެ. "ދާންއުޅޭ ގެއަށް. އެހެންނޫނީ ޕޮލިހަށް ގުޅާނީ."
"މަގޭ ގެއަކީ މިއޭ!" އުމުރަށް ވުރެ ތަންކޮޅެއް ހަރު އަޑަކުން އެ ކުއްޖާ ބުންޏެވެ. "ކަލޭ ދޭބަލަ ގެއަށް."
"އައްދެ! ކަލެޔޭ؟" ޢަލީއަށް ބުނެވުނެވެ. "ކޮން ފާޑަކަށް ވާހަކަދައްކާ ކުއްޖެއް؟ ހަމަ މިހާރު ގެއަށް ދޭ!"
"މަށަކަށް ނުދެވޭނޭ!" އޭނަ ޖަވާބުގައި ބުންޏެވެ. "ބައްޕަ ބުނީ ދަނޑުން ފައިބައިގެން ނުވާނޭ."
"އެހެންތަ؟" ތަންކޮޅެއް ގާތަށްޖެހެމުން ޢަލީ ބުންޏެވެ. "ބައްޕަގެ އޯޑަރަށް ދޯ އައިސް ތިހިރީ؟ ބައްޕައަށް ކޮން ނަމެއް ކިޔަނީ؟ އުހުނ! މަށަށް ވަރިހަމަ ކޮންމެ ނަމެއް ކިޔަސް. ކީއްކުރަން ތިހާ ކުޑަ ކުއްޖަކު މި ގަޑީގަ މި ތަނަށް ފޮނުވީ؟"
ކުޑަކުއްޖާ ޖަވާބެއް ނުދިނެވެ. އުޅުނީ އެ ތަނުން ދާށެވެ.
"ތި ކޮޅަކަށް ނޫނޭ ދާންވީ!" ޢަލީ ބުންޏެވެ. "އަހަރެން ބުނި އެއްޗެއް ނީވޭތަ؟ ދަނޑުން ފައިބާށޭ. ކޮއްކޮއަށް ކޮން ނަމެއް ކިޔަނީ؟"
"އޭ! މަ މީ ކަލޭގެ ކޮއްކޮއެއް ނޫން! މަށަށް ކިޔަނީ މަޒްލާން!" އެ ކުއްޖާ ރުންކުރު ރާގެއްގައި ބުންޏެވެ. "މީ މަގޭ ގެ. މި ތަނުގަ ކުޅެވޭނީ މަ ބޭނުން މީހަކަށް."
ޢަލީއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެހާ ދަން ވަގުތެއްގައި، އެހާ ކުޑަކުޑަ ކުއްޖަކު، އެ ރާގުގައި ވާހަކަދައްކާތީއެވެ. އެ ކުއްޖާއަކީ ކާކުގެ ދަރިއެއްތޯ ބަލަން ޢަލީ ބޭނުންވިއެވެ. ވުމާއެކު ފޯނުގެ ކެމެރާއަށް ފިއްތައިލައިފައި އެ ކުއްޖާއާ ދިމާއަށް ފޯނު ދިއްކޮށްލިއެވެ. އަނދިރިކަމުން ފޯނަކުން އެކައްޗެއް ވެސް ނުފެނެއެވެ.
"ނާހަމަ ތެދެއް؟" ޢަލީ ބުންޏެވެ. "ކުޑަކުޑަ ފިޔޮކެއް ވަރުގެ ކުއްޖަކަށް ހާދަ ވަރަކަށޭ ފީޑްކޮށްފަ ތިހިރީ. މަ ބޭނުން މީހަކަށޭ ކުޅެވޭނީ؟ ތި ކަން ބަލާލާނަމޭ!"
ޢަލީ ފޮޓޯއެއް ނެގިއެވެ. ފްލޭޝްގެ އަލިން މުޅި ހިސާބު ދިއްލައިލިއިރު އެ ތާކު އެކަކު ވެސް ނެތެވެ. ފޯނުން ފޮޓޯ ބަލައިލިއިރު ދަނޑުގެ ވިނަގަނޑު ފިޔަވައި އެހެން އެއްޗެއް ނެތެވެ. އެކަމަކު ކުއްޖާގެ އަޑުއިވުނެވެ.
"ފެނިއްޖެ؟ އަދި އެއްފަހަރު ބަލައިލަންވީނު؟" އޭނަ ބުންޏެވެ.
ޢަލީ ފޯނުގެ ބައްތި ދިއްލައިލިއެވެ. އެ ކުއްޖާ ހުރި ފިޔަވަޅުމަތިން ގުޑައިވެސް ނުލައި ހުއްޓެވެ. ދެން ކުއްލިއަކަށް ގެއްލުނީއެވެ. ހުރެވުނު ތަން ވެސް ޢަލީއަކަށް ނޭނގުނެވެ. ދުވަމުން، ތެޅެމުންފޮޅެމުން ގޮސް ސައިކަލަށް އަރައިފައި، އިސްޓާޓުކުރަން ތަޅުދަނޑި ޖަހަން އުޅެއުޅެ އެ ކަމެއް ނުވިއެވެ. މުޅި މީހާ ތުރުތުރުއަޅާތީއެވެ. އަތް ތުރުތުރުއަޅާ ވަރުން ތަޅުދަނޑި ހިފެހެއްޓެނީ ކިރިޔާއެވެ. މިނެޓެއްހާއިރުގެ މަސައްކަތުން ސައިކަލު އިސްޓާޓުކުރެވުނެވެ. ހީވީ އަހެއްގައި ހަންމުށިއެޅިހެންނެވެ. ދިޔަގޮތަށް ގޮސް އެނދަށް އަރައި އޮށޯތްއިރު ހުންއައިސް ރަތްވެއްޖެއެވެ. އެއްވެސް މީހަކަށް އެ ވާހަކަ ކިޔައިދޭކަށް ޢަލީއަކަށް ނުކެރުނެވެ.
ހަވީރުގެ ވަގުތެވެ. ހެދިގޮނޑުދޮށުގައި މީހުން ތަންކޮޅެއް މަދު ދުވަހެކެވެ. ފޯނު ކުރިމައްޗަށް ދިއްކޮށްލައިފައި ފޮޓޯއެއްނަގަން ޖެނީ ތައްޔާރުވިއެވެ. ޕޮޕްކޯން ކޮތަޅެއް ހިފައިގެންހުރި ޒޫނާގެ މޫނު ޖެނީގެ މޫނުގައި ޖެހޭހާ ގާތްވެލިއެވެ.
"މަންމަ ހީނލަބަލަ!" ޖެނީ ބުންޏެވެ.
ޒޫނާ ހިނިތުންވެލިއެވެ. ޖެނީ ކެމެރާގެ ސުވިޗަށް ފިއްތައިލި ވަގުތު ޒޫނާގެ ޚިޔާލު ޒޫނާ ގެންގޮސް ބެހެއްޓީ ފަތިސްހަނދުވަރުގައި ޖިނާއާ ބައްދަލުވި އަތިރިމަތީގައެވެ. ހަނދާނަށް އައީ ފޮޓޯނެގި ވަގުތެވެ. ޖެނީ ފޮޓޯނަގައި ނިމިގެން ޒޫނާއާ ދިމާއަށް ބަލައިލިއިރު ވެސް ޒޫނާއަށް ހުރެވުނީ އެ ޚިޔާލުގައެވެ.
"މަންމާ!" ޖެނީ މަޑުމަޑުން ގޮވައިލިއެވެ.
ޒޫނާ ކުޑަކޮށް ސިއްސައިގެން ގޮސްފައި ޖެނީއަށް ބަލައިލިއެވެ.
"ކޯޗެއް ތި ވިސްނަނީ؟" ޖެނީ ސުވާލުކުރިއެވެ.
"އެއްޗެއް ނުވިސްނަން،" ޒޫނާ ބުންޏެވެ. އަދި ދެމައިން އެކުގައި ހިނގައިގަތެވެ. "މަންމަ ވާހަކައެއް އަހަންތަ؟ ބައްޕަ ކީއްވެ ޖެނީ ގެނެސް ގެއަށްލައިފަ ދިޔައީ؟ މަންމަ ހިތަށްއަރަނީ ޖެނީ ދެކެ އެހާ ލޯބިވާ ބައްޕައެއް ހަމަ ކުއްލިއަކަށް ޖެނީ ދޫކޮށްލައިފަ، ހާލު ވެސް ބަލައިލަން ނައިސް ހުރެވޭހޭ؟ ކިހާ ގަބޫލުނުކުރެވޭ! އަހަންނަށް އެނގޭ ޖެނީ ބައްޕަގެ ގޮތް."
"އަހަރެންގެ ބައްޕަ އަބަދުވެސް ހުންނާނީ އަހަންނާ ވަރަށް ކައިރީގަ،" ހިތުގައި އަތްޖައްސައިލަމުން ޖެނީ ބުންޏެވެ. "އަހަރެން ކޮންމެ ތާކު ހުއްޓަސް އެ ތަނެއްގަ ބައްޕަ ހުންނާނެ."
ޖެނީ ބުނި އެއްޗެއް ޒޫނާއަށް ވިސްނުނެވެ. އެކަމަކު ޒޫނާ ހީކުރީ، ޒޫނާ ބުނި އެއްޗެއް ޖެނީއަށް ނުވިސްނުނީ ކަމަށެވެ.
"މަންމަ މި ބުނާ އެއްޗެއް ޖެނީއަށް ނުވިސްނެނީ ކަންނޭނގެ،" ޒޫނާ ބުންޏެވެ. "ހިތުގަ ހަނދާންތައް ރައްކާކޮށްގެން ޖެނީއަށް ފުދުނަކަސް ޖެނީގެ ބައްޕައަކަށް ނުފުދޭނެ. ހަނދާންވޭތަ ކުރިން ވެސް.."
"އަހަންނަށް ހީވަނީ އަހަރެން މި ބުނާ އެއްޗެއް މަންމައަށް ނުވިސްނެނީހެން،" ހިނިތުންވެލައިފައި ޖެނީ ބުންޏެވެ. "ހަމަ އަހަރެންގެ ބައްޕައޭ ގޭގަ އެ އުޅެނީ."
ޒޫނާ ވަގުތުން ސީރިޔަސްވިއެވެ. އިރުކޮޅަކުން ހިނިތުންވެލިއެވެ.
"އަނގަޔަކުން ދެރައެއް ނުވާނެ،" ޒޫނާ ބުންޏެވެ. "ހިނގާބަލަ ފެންފުޅިއެއް ގަންނަމާ. ޒުވާރި ކައިކައި ކަރުހިއްކައިގެންފި!"
ސަކީނާ ހުރީ ކަންފަތުގައި ފޯނު ޖައްސައިގެންނެވެ. އެއީ، އެ ރޭ ފުލުފުލުގައި ޒޫނާއަށް ގުޅި ދެވަނަ ފަހަރެވެ. ކަމުގެ ބާވަތުން ކޮންމެހެން ވެސް ޒޫނާއަށް ގުޅަން ސަކީނާއަށް މަޖުބޫރުވީއެވެ. އެކަމަކު ޒޫނާ ފޯނެއް ނުނަގައެވެ. ޖިނާއާއި ޒޫނާ ތިބީ ކޮޓަރީގައެވެ. ހީނހީނފައި އެކަކު އަނެކަކާ ސަކަރާތްޖެހުމުގައެވެ. ފޯނު އޮތީ ޖިނާ އަތުގައެވެ. ޖިނާ އުޅެނީ ޒޫނާއަށް ފޯނު ނުދޭށެވެ. ޒޫނާ އުޅެނީ ފޯނު އަތުލާށެވެ.
"ސާބަހޭ! މަންމައޭ އެ ގުޅަނީ!" ޒޫނާ ބުންޏެވެ. "މިހާރު އެއްފަހަރު ކެނޑިއްޖެ! ދެން ސަމާސަނުކޮށް ދީބަލަ ޖިނާ!"
"މަ އެބައުޅެންތަ ނުދޭން؟" ސަމާސާ ރާގެއްގައި ޖިނާ ބުންޏެވެ. "އަން!"
ޒޫނާ ފޯނުގައި ހިފަން އަތްދިއްކޮށްލާއިރަށް ޖިނާ ފޯނު ދަމައިގަނެއެވެ. އެ ފަހަރު ފޯނު ކަނޑައި ވެސް ލިއެވެ.
"ދެން އަޅެ!" ޒޫނާ ސީރިޔަސްވާން މަސައްކަތްކުރިއެވެ. "ޖިނާގަނޑާ! މަންމަ ކީކޭ ހިތަށްއަރާނީ؟"
ޖިނާ ސީރިޔަސްވާކަމަށް ހެދުނެވެ. ދެލޯ ބޮޑުކޮށްލިއެވެ. އަނގަ ހުޅުވައިލިއެވެ. އެ މަންޒަރު ފެނިފައި އަނެއްކާ ވެސް ޒޫނާ ހޭންފެށިއެވެ. އަނެއްކޮޅުން ފޯނުކަނޑައިލުމުން ސަކީނާ ވަރަށް ހައިރާންވިއެވެ. އަނެއްކާ ގުޅިއެވެ. ކުއްލިއަކަށް ޒޫނާގެ މެޔަށް ވަރަށް ތޫނު ތަދެއްއެރިއެވެ. މޭގައި އަތްއެޅިއެވެ. އެ މަންޒަރު ފެނިފައި ޖިނާގެ ސަކަރާތް ހުއްޓުނު ވަގުތު ޒޫނާ ފޯނު ޖަހައިގަތެވެ. އަދި ޖިނާއަށް ދޫދިއްކޮށްލައިފައި ފޯނު ނެގިއެވެ.
"އާނ ކީކޭ މަންމާ!" ޒޫނާ ބުންޏެވެ.
ނުނިމޭ