ޕީޕީއެމްގެ ވެހިކަލް ބުރެއްގައި ޕިކަޕަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ
ޕީޕީއެމްގެ ވެހިކަލް ބުރެއްގައި ޕިކަޕަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި މިއަދު ބޭއްވި ޕީޕީއެމްގެ ވެހިކަލް ބުރެއްގައި އުމުރުން ދުވަސްވީ މީހަކު ޕިކަޕަކުން ވެއްޓި، ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުން އެ މީހާ ޕިކަޕުން ވެއްޓެނީ ޕިކަޕު ބާރު ސްޕީޑްގައި އައިސް ގޯޅި އެޅުމަށް އަނބުރާލުމުންނެވެ. އެވަގުތު ޕިކަޕްގެ ފަހަތު އަރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން އިށީނދެ އިން އެ މީހާ ވެއްޓެނީ ތާރު އަޅާފައިވާ މަގުމައްޗަށް، އެކޮޅުކޮޅުންނެވެ.

ތިނަދޫ އެމްޑީޕީ ހަރުގެއެއްގެ ކުރިމަތީގައި އެ ހާދިސާ ހިނގުމާ އެކު އެތަނުގައި ތިބި މީހުން ނިކުމެ އެ މީހާއަށް އެހީވާ މަންޒަރު ފެނެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ.

އެ މީހާއަށް ތިނަދޫ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޕީޕީއެމާއި އިދިކޮޅު ކޯލިޝަނުން ވެސް ދަނީ ގިނަ އަދަދަކަށް ވެހިކަލް ބުރުތައް ރަށްރަށުގައި ބާއްވަމުންނެވެ.