25 އޯގަސްޓް 2018 - 18:31

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރިސޯޓްތަކާއި ސިނާއީ މަރުކަޒުތަކާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ތަންތަނުގެ ތެރެއިން 13 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި އެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމީ ނުވަ ރިސޯޓަކާއި ސިނާއީ މަރުކަޒުތަކުގެ ގޮތުގައި ހިމެނޭ ލ. ކައްދޫ އާއި ޅ. ފެލިވަރުގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި ސިންގަޕޫރުގަ އެވެ.
- އަދާރަން ސިލެކްޓް ހުދުރަންފުށި
- ވައްކަރު މޯލްޑިވްސް
- އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް
- އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް
- ކޮކޫން މޯލްޑިވްސް
- ކޮންސްޓަންސް ހަލަވެލި ރިސޯޓް
- އަމާރި ހަވޮއްޑާ މޯލްޑިވްސް
- ކަނުހުރާ
- ރޮބިންސަން ކްލަބް
އިލެކްޝަންސް ކޮމިޝަނުން ބުނީ އެތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ވޯޓު ފޮށި ބެހެއްޓޭ މިންވަރަށް ރީ ރަޖިސްޓްރީ ވާން ހުށަހަޅާފައި ނުވާތީ ކަމަށެވެ. ރިސޯޓްތަކާއި ސިނާއީ މަރުކަޒުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 100 މީހުން އެތަނެއްގައި ވޯޓުލާން ރީ ރަޖިސްޓްރީކޮށްފި ނަމަ އެވެ. އަދި ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓަނީ މަދުވެގެން 200 މީހުން ރީ ރަޖިސްޓްރީ ކޮށްފި ނަމަ އެވެ.
ވޯޓި ފޮށި ނުބަހައްޓަން ނިންމި ތަންތަނުގައި ވޯޓުލުމަށް ކުރިން ރީ ރަޖިސްޓްރީ ކުރި މީހުންނަށް ދެން ޖެހޭނީ އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރާށެވެ. އެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ ވަރަށް މަދު ރިސޯޓްތަކެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެކަމަކު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ފަހުން ކޮމިޝަނުން ވަނީ އިތުރު ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަން އިއުލާންކޮށްފަ އެވެ.