04 އޯގަސްޓް 2016 - 18:00

ދިރާގުން މިއަހަރުގެ ފުރަތަމަ ހަ މަހުގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބުނު 450 މިލިއަން ރުފިޔާ ބަހަން ނިންމައިފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފައިދާގެ ގޮތުގައި ހިއްސާއަކަށް ޖެހެނީ 5.93ރ. ކަމަށެވެ. މިދިޔަ އަހަރު ބަހާފައި ވަނީ ހިއްސާއަކަށް 4.84ރ. އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 22 ޕަސެންޓުގެ ކުރިއެރުމެކެވެ.
ދިރާގުގެ ހިއްސާގެ ފައިދާ ބަހަނީ އަހަރަކު ދެ ފަހަރު އެވެ. އެއީ، އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަހަރުގެ ފުރަތަމަ ހަ މަހުގެ ހިސާބުތައް ފާސްކުރުމަށް ފަހު ފުރަތަމަ ހަ މަހަށް ބެހޭ ފައިދާ އާއި އަހަރީ ހިސާބުތައް ފާސްކުރުމަށް ފަހު އަހަރުގެ ފަހު ހަ މަސް ދުވަހުގެ ފައިދާގެ މައްޗަށް ބަލާފައި ކަނޑައެޅޭ ފައިދާ އެވެ.
މިއަހަރުގެ ފުރަތަމަ ހަމަހުގެ ފައިދާ ބެހުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށެވެ.
ދިރާގުން ދަނީ 2011 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ހިއްސާގެ ފައިދާ ބަހަމުންނެވެ. އަދި 2013 ފިޔަވައި އެހެން ކޮނެމް އަހަރަކު ދެ ހިއްސާގެ ފައިދާ އެ ކުންފުނިން ބަހާފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ހަތް ރަށަކަށް 4ޖީ ހިދުމަތް ފޯރުކޮށްދީ، ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލު ގެނެސް، ހިލޭ ކޯލް، އެސްއެމްއެސް އަދި ޑޭޓާ ލިބޭ ގޮތަށް ފަރުމާކޮށްފައިވެ އެވެ. އަދި ކުދި ވިޔަފާރިތަކަށް އަމާޒު ކޮށްގެން އިންޓަނެޓް ޕެކޭޖު ތައާރަފް ކޮށް، ކަސްޓަމާ ސާވިސް ހިދުމަތަށް ލައިވް ޗެޓް ތައާރަފް ކޮށް ބާޒާރަށް ނެރޭ އެންމެ ފަހުގެ އެޕަލް އަދި ސެމްސަންގް ޑިވައިސްތައް އަގުހުރި ޕެކޭޖުތަަކާ އެކު ކަސްޓަމަރުންނަށް ފޯރުކޮށްދީފައި ވެ އެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިމާޔަތަށާއި ރައްކާތެރިކަމަށް އެކި ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން އެ ކުންފުނިން މަސައްކަތް ކޮށްފައިވެ އެވެ.