ކާރިއަސް ދޫކޮށްލައި އެލިސަން އަށް ކްލޮޕް ތައުރީފްކޮށްފި
ކާރިއަސް ދޫކޮށްލައި އެލިސަން އަށް ކްލޮޕް ތައުރީފްކޮށްފި

ލިވަޕޫލް (އޮގަސްޓް 25) - ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވި ގޯލްކީޕަރު ލޮރިސް ކާރިއަސް ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެކިސްޓާސް އަށް ދޫކޮށްލައި، މިހާރުގެ ކީޕަރު ބްރެޒިލްގެ އެލިސަން ބެކާ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ތައުރީފްކޮށްފި އެވެ.

މިދިޔަ މެއި މަހު އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވީ ކާރިއަސް އަތުން ހެދުނު ބޮޑު ދެ ގޯހެއްގެ ސަބަބުންނެވެ. އާ ސީޒަނާ ކުރިމަތިލިއިރު ލިވަޕޫލުން ފުރަތަމަ ނިންމީ ކާރިއަސް ބަހައްޓާށެވެ. އެއީ އޭރު ރޯމާ އިން އެލިސަން ވިއްކަން ކީ އަގު ބޮޑުވުމުންނެވެ. އެކަމަކު ޕްރީ ސީޒަނުގައި ވެސް ކާރިއަސްގެ ފަރާތުން ކުރިއެރުމެއް ނުފެނުމުން ކްލޮޕް ވަނީ 82 މިލިއަން ޑޮލަރު ދިނުމަށް ފަހު ރޯމާ އިން އެލިސަން ގަނެފަ އެވެ.

ބެސިކްޓާސް އަށް ކާރިއަސް ދޫކޮށްލީ ދެ އަހަރުގެ ލޯން އެއްބަސްވުމެއް ދަށުންނެވެ. އަދި އެ މުއްދަތުގައި ބެސިކްޓާސް ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ދައްކައިފިނަމަ އޭނާގެ އެއްބަސްވުން ދާއިމީ ކުރުމުގެ އިހުތިޔާރު އެ ކްލަބަށް އޮންނާނެ އެވެ.

މި ސީޒަނުގައި ލިވަޕޫލް މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވިއިރު ބައިކޮޅަށް އަދި ގޯލެއް ނުވަދެ އެވެ. ލިވަޕޫލުން ކުުޅުނު ދެ މެޗުގައި ނިސްބަތުން އެލިސަން ހުރި ގޯލަށް އަމާޒުވީ މަދު ހަމަލާތަކެކެވެ. އެކަމަކު ކްލޮޕްގެ ނަޒަރުގައި އެ ދެ މެޗުގައި ވެސް އެލިސަންގެ ފަރާތުން ބޭނުންވާ ތަފާތު ފެނުނެވެ.

"އެލިސަންގެ ކޮލިޓީ އަހަރެމެންނަށް ކުރިން ވެސް އެނގޭ. އޭނާ ހުރުމުން ޑިފެންސަށް އެކަންޏެއް ނޫން ފަސޭހަވަނީ އޭނާ އަކީ އެޓޭކިން ވިސްނުމުގެ ކުޅުންތެރިއެއް. އަހަރެން ބޭނުންވާ ސިސްޓަމުގައި އެންމެ މުހިއްމު އެއް ރޯލެއް އަދާކުރާ ކުޅުންތެރިއެއް އެލިސަން އަކީ،" ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ކާރިއަސް ދޫކޮށްލީ ފާއިތުވެ ދިޔަ ތަނުގައި ހިނގި ކަންތައްތަކަށް ބެލުމަށް ފަހު ނޫން ކަމަށާއި އެއީ އޭނާގެ މުސްތަގުބަލަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ވަގުތު ކާރިއަސް އަށް ބޭނުންވަނީ ގަވާއިދުން ކުޅެވޭ ކަހަލަ ޓީމެއްގައި ހުރުން ކަމަށްވާތީ އޭނާ އަށް އެ ފުރުސަތު ދިނީ ކަމަށް ކްލޮޕް ބުންޏެވެ.

ލިވަޕޫލާއި ބްރައިޓަން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:30 ގަ އެވެ.