ބަޔާން މޮޅުވި މެޗުގައި ވީއޭއާރްއާ މެދު ސުވާލުތަކެއް
ބަޔާން މޮޅުވި މެޗުގައި ވީއޭއާރްއާ މެދު ސުވާލުތަކެއް

މިއުނިކް (އޮގަސްޓް 25) - ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ބަޔާން މިއުނިކުން ވައްދާލި ދެ ގޯލާ އެކު 3-1 އިން ހޮފެންހައިމް އަތުން މޮޅުވެއްޖެ އެެވެ. އެކަމަކު މި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ހިފި ގޮތާ މެދު ދެ ޓީމުގެ ކޯޗުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

މިއީ މި ސީޒަނުގައި ބަޔާންގެ ކޯޗުކަމާ ހަވާލުވި ނިކޯ ކޮވަޗްގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗެެވެ. އެ ޓީމުން ވަނީ ކޮވަޗް ކުރިން ކޯޗުކޮށްދިން އެއިންޓްރެކްޓް ފްރޭންކްފާޓް ބަލިކޮށް ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ބަޔާނުން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި ތޯމަސް މުލާ ވައްދާލި ގޯލުންނެވެ. އެކަމަކު ދެ ވަނަ ހާފްގައި ހޮފެންހައިމްގެ އެޑަމް ސްލަޒާާއި ވަނީ ނަތީޖާ ހަމަހަަމަކޮށްފަ އެވެ.

ބަޔާނުން މެޗުގެ 82 ވަނަ މިނިޓްގައި އަލުން ލީޑުނެގީ ރޮބަޓް ލެވަންޑޯސްކީގެ ޕެނަލްޓީންނެވެ. ލެވަންޑޯސްކީ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ބެލިއިރު، ޕެނަލްޓީ ޖެހުމުގެ ކުރިން ބަޔާނުގެ އާރްޔެން ރޮބެން އޭރިއާ ތެރެއަށް ވަނުމުން ރެފްރީ ނިންމީ އަލުން އެ ޕެނަލްޓީ ޖަހަންދޭށެވެ. ދެ ވަނަ ފަހަރަށް ލިބުމުން ލެވަންޑޯސްކީ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ބަޔާނަށް މި ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން އެ ޓީމުގެ ފްރޭންކް ރިބެރީ އަށް ހޮފެންހައިމްގެ ހާވަޑް ނޯޑްވެއިޑް ފައުލުކުރިކަމަށް ނިންމުމަށް ފަހު އެވެ. މެޗަށް ފަހު ބަޔާންގެ ކޯޗު ކޮވަޗް ބުނީ އެއީ އޭނާގެ ނަޒަރުގައި ޕެނަލްޓީއެއް ނޫން ކަމަށާއި ވީއޭއާރް ބޭނުންކުރާއިރު އެ އަށް ވުރެ އިންސާފުވެރިވާން ޖެހޭނެ ކަމަށެވެ. އެކަމަކު ޖުމްލަކޮށް މުޅި މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު އެ ޓީމަށް މޮޅެއް ހައްގުވާ ކަމަށް އޭނާ ބުންޏެވެ.

ހޮފެންހައިމްގެ ކޯޗު ޖޫލިއަން ނާގަލްސްމަން ވެސް ވަނީ އެ ޕެނަލްޓީއާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި ވީއޭއާރްގެ ބޭނުންކުރާއިރު މި ފަދަ ކަންތައްތައް ހުންނަނަމަ އޭގެ ބޭނުމެއް ނެތް ކަމަށް ބުންޏެވެ.

މެޗުގެ ފަހު މިނިޓްގައި މުލާ ދިން ބޯޅައަކުން ބަޔާނުގެ ތިން ވަނަ ލަނޑު ޖެހީ ރޮބެން އެވެ. އޭގެ ކުރިން ލެއޮން ގޮރެޓްޒްކާ ޖެހި ޝޮޓެއް މުލާ ގައިގައި ޖެހިފައި ގޯލަށް ވަން ނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށް ފަހު ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ.

މި މެޗުގައި ބަޔާންގެ ކިންގްސްލީ ކޯމަން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރި އެވެ.