25 އޯގަސްޓް 2018 - 11:23

ޕެރިސް (އޮގަސްޓް 25) - މި ފަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ބޭނުންކުރި އާ ޖޯޒީ ކަމަށްވާ ކެޓްސޫޓް އަންނަ އަހަރުގައި ނުލެވޭނެ ކަަމަށް ފްރެންޗް އޯޕަން އިން އަންގައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ސެރީނާ ވަނީ ބައެއް މެޗުތަކުގައި ކެޓްސޫޓެއް ލައިގެން ކުޅެފަ އެވެ. ހާއްސަ ޖޯޒީ ކޯޑެއް ފްރެންޗް އޯޕަންގައި މީގެ ކުރިން ނޯވެ އެވެ. ސެރީނާ ވަނީ އެ ކެޓްސޫޓް ލައިގެން ހުންނައިރު ކުރެވެނީ "ސުޕަ ހީރޯ" އެއް ފަދަ އިހުސާސެއް ކަމަށް ބުނެފަ އެވެ.
އޭނާ ބުނީ ދަރިއަކު ލިބުމަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސް އޭނާ އަށް ކެޓްސޫޓް ލައިގެން ކުރެވުނީ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
ފްރެންޗް ޓެނިސް ފެޑެރޭޝަންގެ ރައީސް ބެނާޑް ޖޫޑިޗެލީ ވިދާޅުވީ އަންނަ އަހަރުން ފެށިގެން ހާއްސަ ޖޯޒީ ކޯޑެއް އޮންނާނެ ކަމަށާއި ކެޓްސޫޓް ހުއްދަނުކުރާނެ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްގައި ވެސް ހަމައެއް އޮންނަންވާނެ. ޖެހޭނެ ކުޅިވަރަށާއި ކުޅިވަރު ކުޅޭ މާހައުލު ގަބޫލުކުރާ ކަންތައްތަކަށް އިހުތިރާމްކުރަން،" ޓެނިސް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޖޫޑިޗެލީ ވިދާޅުވި އެވެ.
ފްރެންޗް އޯޕަންގައި ބޭނުންކުރާނެ ޖޯޒީ ކޯޑުގެ ތަފްސީލެއް ނުދެއްވަ އެވެ. އޭނާ ދެން ވިދާޅުވީ އެ މުުބާރާތުން ތައާރަފްކުރާ ޖޯޒީ ކޯޑުގެ ކަންތައްތައް ނިންމާއިރު ކުޅުންތެރިންނާ މަޝްވަރާކުރާނެ ކަމަށާއި ވިމްބަލްޑަން ޓެނިސް މުބާރާތުގައި އޮންނަ ފަދަ ވަކި ކުލައެއް ބޭނުންކުރުމުގެ ގަވާއިދު ނޯންނާނެ ކަމަށެވެ.
އުމުރުން 36 އަހަރުގެ ސެރީނާ ކުޅުމަށް އެނބުރި އައީ މިދިޔަ މެއި މަހު އޮތް ފްރެންްޗް އޯޕަން މުބާރާތަށެވެ. އޭނާ ވަނީ ކެޓްސޫޓް ލައިގެން އެ މުބާރާތުގެ ތިން މެޗެއް ކުޅެފަ އެވެ. މި ވަގުތު 17 ވަނަ އަށް ސީޑްކޮށްފައިވާ ސެރީނާ އަންނަ ހޯމަ ދުވަހު ޔޫއެސް އޯޕަންގެ ފުރަތަމަ މެޗުގައި ނުކުންނާނީ މެގްދާ ލިނޭޓޭއާ ދެކޮޅަށެވެ.