26 އޯގަސްޓް 2018 - 07:08

ރިލީޒް ކުރި ހިސާބުން ފެށިގެން ޗާޓްތަކުގައި ރަނިކަން ކުރަމުން އަންނަ ލަވަ "ދިލްބަރް" އާ އެކު ނޯރާ ފަތެހީގެ މަގުބޫލު ކަމާއި މަޝްހޫރުކަން ވެސް އެތައް ގުނައަކަށް މިހާރު މި ވަނީ އުފުލިފަ އެވެ، އޭނާގެ ފަރި ހަރަކާތްތައް ފެނިގެންދާ އެ ލަވައަކީ މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރި ޖޯން އަބްރަހަމްގެ "ސަތިޔަމޭޖް ޖަޔަތޭ" ގެ އައިޓަމް ލަވައެކެވެ.
އެކަމަކު މި ލަވައަކީ ސުޝްމިތާ ސެންގެ ފިލްމް ސިރްފް ތުމް (1999) ގެ ލަވަ "ދިލްބަރު" ގެ އާ ވާޝަނެކެވެ. ސަންޖޭ ކަޕޫރާއި ސުޝްމިތާ ފެނިގެންދާ ލަވައިގެ އަޑުގެ ވެރިޔައަކީ އަލްކާ ޔަގްނިކް އެވެ. ނޯރާ ފެނިގެންދާ ލަވަ ކިޔާފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖް ނޭހާ ކައްކަރް އެވެ.
ޔޫޓިއުބްގައި މިހާރު 350 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ނޯރާގެ "ދިލްބަރް" އާ ބެހޭ ގޮތުން ސުޝްމިތާ ބުނީ އެ ލަވަ އޭނާ އަށް ވެސް ވަރަށް ރީތި ކަމަށެވެ.
ވަކިން ހާއްސަކޮށް ފަހުގެ ލަވައިގެ ޅެމުގެ ކުރީކޮޅަށް އިތުރުކޮށްފައިވާ ކަޑިތަކުން ލަވައިގެ ޖާދޫ އިތުރުކޮށްދޭ ކަމަށް 1994 ގެ މިސް ޔުނިވާސް ބުންޏެވެ.
"ލަވަ ހަމަ ވަރަށް ފުރިހަމަ އަދި ވަރަށް ރީތި. ނޯރާ ލަވައަށް ކޮށްފައި ހުރި މަސައްކަތްތައް ވަރަށް ސަޅި އަދި އޭނާގެ ނެށުމުގެ ހުނަރު ވެސް ވަރަށް ކުޅަދާނަ،" ފިލްމީ މަސައްކަތްތަކާ މިހާރު ވަރަށް ބޮޑަށް ދުރުގައި ހުރި ބަތަލާ ބުންޏެވެ.
ސުޝްމިތާ ބުނި ގޮތުގައި "ދިލްބަރް" ގެ ރިމިކްސް ވާޝަން ކަމުދިޔަ ނަމަވެސް، ދެ ލަވައިގެ ތެރެއިން އޭނާގެ ފެވަރިޓަކީ އަސްލު ލަވަ އެވެ.
"އަހަރެންގެ ފެވަރިޓަކީ ހަމަ އޮރިޖިނަލް ލަވަ،" އޭނާ ބުންޏެވެ.