"އާންކޭން 2" އިން ވެސް އަމީތާބް ބައްޗަން ފެންނާނެ
"އާންކޭން 2" އިން ވެސް އަމީތާބް ބައްޗަން ފެންނާނެ

އަމީތާބް ބައްޗަން މުހިއްމު ރޯލެއް ކުޅެ، 2002 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމް "އާންކޭން" ގެ ދެ ވަނަ ބަޔަށް ވެސް އޭނާ ސޮއިކޮށްފި އެވެ.

މި ފިލްމް ގެނެސްދޭ އިރޯސް އިން ކުރި ޓްވީޓެއްގައި ބުނީ އަމީތާބް ފިލްމަށް ސޮއިކޮށްފައިވާ ކަމަށާއި ފިލްމްގެ އިތުރު ކާސްޓުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

"މުބާރަކަން" އާއި "ނޯ އެންޓްރީ" އަފި "ވެލްކަމް" ފަަދަ ފިލްމް ގެނެސް ދިން އަނީސް ބަޒްމީ ޑައިރެކްޓް ކުރާ "އާންކޭން 2" ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އަދި ފިލްމް ސިނަމާތަކަށް ގެންނާނީ 2020 ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް އިރޯސް އިން ބުންޏެވެ.

ގޯރަންގް ދޯޝީ ޑައިރެކްޓް ކުރި "އާންކޭން" ގައި އަމީތާބާ އެކު މުހިއްމު ރޯލްތައް ކުޅުނީ އަކްޝޭ ކުމާރާއި އަރްޖުން ރާމްޕާލާއި ޕަރޭޝް ރާވަލް އާއި ސުޝްމިތާ ސެންގެ އިތުރުން ބިޕާޝާ ބާސޫ އެވެ.

އިރޯސް އިން ބުނި ގޮތުގައި ފިލްމްގެ ދެވަނަ ބައިގައި ވެސް ބޮޑު ކާސްޓެއް ހިމެނޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަމީތާބް ފިޔަވައި، ޕްރިކްއެލްގެ އެއްވެސް އެކްޓަރަކު ސީކްއެލްގައި ނުހިމެނޭނެ އެވެ. އަދި "އާންކޭން 2" ގެ ރޯލެއް ޗައިނާ އަށް އުފަން، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކީ ޗެން އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

މިހާތަނަށް ޗެން ހިންދީ ފިލްމެއް ކުޅެފައި ނެތަސް އިންޑިއާގެ ބައެއް އެކްޓަރުން އޭނާ އެކު ފިލްމްތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

ޔަގީނުން ވެސް "އާންކޭން 2" އިން އަމީތާބާ އެކު، ޗެން ފެނިގެން ހިނގައްޖެ ނަމަ، މި ދެ ތަރިންގެ ފޭނުންނަށް ފިލްމް ވަރަށް ވެސް ހާއްސަ ވާނެ އެވެ.

އަމީތާބް މި ވަގުތު އަންނަނީ އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ ނޮވެމްބަރު 7 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" އިންނެވެ.

"އާންކޭން" އަކީ ނުފޫޒު ގަދަ މީހަކަށް ބޭންކެއްގެ ވަޒީފާ ގެއްލުމުން، އޭނާ ބަޔަކު ލައްވައި ބޭންކް ފަޅާލަން ކުރާ މަސައްކަތެއްގެ ތެރެއިން ދިމާވާ ކަންތައްތަކެއް ކިޔައި ދިން ތުރިލާއެކެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 6.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.