ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކާޖޮލްގެ އާ ފިލްމް "އީލާ" އަށް ބެލުންތެރިން ކުރަން ޖެހޭ އިތުރު ދިގުވާ ގޮތް ދިމާވެއްޖެ އެވެ.

އެ ފިލްމަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް، ފިލްމް ރިލީޒް ކުރާ ތާރީހު ލަސްކުރިކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. "އީލާ" އަކީ 2015 ގައި ރިލީޒް ކުރި ރޯހިތު ޝެޓީގެ "ދިލްވާލޭ" އަށް ފަހު، ކާޖޮލް ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ހިންދީ ފިލްމެވެ.

މި ފިލްމް އެންމެ ފުރަތަމަ ރިލީޒް ކުރާ ގޮތަށް އޮތީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އެކަމަކު ފަހުން ވަނީ އޭގެ އެއް ހަފުތާ އަވަސްކޮށް އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމިކަން ފަހުން އިއުލާންކޮށްފަ އެވެ.

އެކަމަކު "އީލާ" އަށް އިންތިޒާރު ކުރަމުން ދިޔަ މީހުންނަށް އޮތް ހިތާމަވެރި ޚަބަރަކީ އެ ފިލްމު އޮކްޓޯބަރު މަހުގެ 12 އަށް ފަސްވުމެވެ. އެ ތާރީހަށް ފިލްމް ފަސް ކުރަން ޖެހުނީ، ޑައިރެކްޓަރު ޕްރަދީޕް ސަރްކާރަށް ޑެންގީ ހުން ޖެހިގެން، ފަރުވާ ދޭން ޖެހުމުން އޭނާ އަށް ފިލްމްގެ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވެވުމުންނެވެ.

އެހެންވެ ޕްރަދީޕަށް ބައިވެރިވެވޭ ގޮތަށް ޕްރޮމޯޝަނަލް ހަރަކާޔްތައް ކުރިއަށް ގެންދަން ނިންމައި، ފިލްމް ރިލީޒް ކުރުން ފަސްކޮށްލީ އެވެ. "އީލާ" އަކީ އެކަނިވެރި މަޔަކާއި އޭނާގެ ޒުވާބް ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމްގައި ކާޖޮލްގެ ދަރިފުޅުގެ ރޯލް އަދާކޮށްފައި ވަނީ ބެންގާލީ އެކްޓަރު ރިދީ ސެން އެވެ.

"އީލާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ނީހާ ދޫޕިއާ، ޓޯޓާ ރޯއި ޗައުދަރީ އަދި އަމީތާބް ބައްޗަންގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ.

މި އަހަރު އެންމެ ގިނަ ފިލްމްތަކުން ފެނިގެންދާ އެކްޓަރަކީ ރާޖްކުމާރް ރާއޯ އެވެ. މި މަހުގެ 3 ވަނަ ދުވަހު ރިލީޒް ކުރި އޭނާގެ "ފަނޭ ހާން" އަށް ފަހު އަނެއްކާ ވެސް އޭގެ އިތުރު ދެ ފިލްމެއްގެ ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ.

އެއީ ހޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ޑެމީ މޯ އާއި ފްރެއިޑާ ޕިންޓޯ ވެސް މުހިއްމު ރޯލެއް ފެނިގެންދާ ތަބްރޭޒް ނޫރާނީގެ "ލަވް ސޯނިއާ" އާއި ނަރްގިސް ފަހްރީއާ އެކު ކުޅެފައިވާ "5 ވެޑިންސް" އެވެ.

އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "ލަވް ސޯނިއާ" ގެ ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރް، މަނޯދް ބަޖްޕާއީ، ރިޗާ ޗައްޑާ އަދި އަލަށް ތައާރަފު ކުރާ ބަތަލާ މުރްނާލް ތާކޫރް ހިމެނެ އެވެ. ޓީވީ ބަތަލާއެއްގެ ގޮތުގައި މަޝްހޫރު މުރްނާލްއަކީ ރިތިކް ރޯޝަންގެ "ސްޕަ 30" ގެ ވެސް ބަތަލާ އެވެ.

އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ "5 ވެޑިންސް" އަކީ ނަމްރަތާ ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ރާޖް ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 31 ގައި ރިލީޒް ކުރާ ހޮރޯ/ކޮމެޑީ "ސްޓްރީ" އިންނެވެ.