ބަތަލާ ނޭހާ ދޫޕިއާ އިނީ އަލަތު ދަރިފުޅަށް ބަލިވެ
ބަތަލާ ނޭހާ ދޫޕިއާ އިނީ އަލަތު ދަރިފުޅަށް ބަލިވެ

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފިރިމީހާ އަދި އެކްޓަރު އަންގަދް ބޭދީއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލާ ނޭހާ ދޫޕިއާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

ދެ ތަރިންގެ އިންސްޓަގްރާމްގައި ވަނީ ނޭހާގެ ބަނޑުބޮޑުކަން ދައްކުވައިދޭ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކާ އެކު ބުނެފައި ވަނީ ތިން ވަނަ މެމްބަރަކު އިތުރު ވަނީ ކަމަށެވެ.

ނޭހާ ބަލިވެއިންނަން ކަށަވަރުކޮށް ދީފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ނޭހާ ބަލިވެއިން ކަމަށް ބުނެ މީޑިއާތަކުގައި ރިޕޯޓް ކުރަމުން ދަނިކޮށެވެ.

ސިއްރު ފެންފުށި ރިސޯޓްގައި ޗުއްޓީ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އިންސްޓަގްރާމްގައި ހިއްސާ ކުރި، ހުރިހާ ފޮޓޯތަކެއްގައި ނޭހާ ހުރީ ބަނޑު ނިވާ ގޮތަށް ޕޯޒްކޮށްގެން ފާހަގަވެ އެވެ.

ފިލްމް "ޖޫލީ" އިން 2004 ގައި ބޮލީވުޑަށް ނުކުތް ނޭހާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ ކާޖޮލްގެ "އީލާ" އިންނެވެ. އެ ފިލްމްގައި އޭނާ ވަނީ ސަޕޯޓިން ރޯލްތަކެއް ކުޅެފަ އެވެ.

ކެރިއަރުގެ ކުރީކޮޅުގައި ފިލްމްތަކުން ލީޑް ބަތަލާގެ ރޯލް ނީހާ، 37، އަށް ލިބުނަސް މި ފަހުން އޭނާ މުޅިން ވެސް ފެނިގެން ދަނީ ސަޕޯޓިން ރޯލްތަކުންނެވެ. ނޭހާއަކީ 2002 ގައި މިސް އިންޑިއާ ޓައިޓްލް ހާސިލުކޮށްފައިވާ ބަތަަލާއެކެވެ.

ފިލްމްތަކުގައި ކުދިކުދި ރޯލްތައް ކުޅުމުގެ އިތުރަށް ނޭހާއަކީ މިހާރު ބައެއް ރިއަލިޓީ ޝޯތަކާއި ހޯސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ތަރިއެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޝޯއަކީ އެމްޓީވީގެ "ރޯޑީޒް" އެވެ.

ހަތަރު މެންޓޯ އިން ހިމެނޭ އެ ޝޯގެ ހަމައެކަނި އަންހެން މެންޓޯއަކީ ނޭހާ އެވެ.