ގޭބަންދަށް ބަދަލު ކުރި ލިޔުމާ ގުޅޭ ތަހުގީގު ދިގު ދަންމާތީ ކަންބޮޑުވެއްޖެ
ގޭބަންދަށް ބަދަލު ކުރި ލިޔުމާ ގުޅޭ ތަހުގީގު ދިގު ދަންމާތީ ކަންބޮޑުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރު ގޭބަންދަށް ބަދަލު ކުރުމަށް ނިންމައި، އެކަމާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސް އިން ދިން ކަމަށް ބުނާ ލިޔުމުގެ މައްސަލައިގެ ތަހުގީގު އަދިވެސް ނުނިންމައި ދިގު ދަންމަމުން ދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަޝީދުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ ލިޔުމާ ގުޅޭ ގޮތުން ތަހުގީގަށް އެނގެން ޖެހޭ ހުރިހާ މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ކަމަށް ބުނެ، އެއްވެސް އަސާސެއް ނެތި އިތުރު މީހުންގެ ބަޔާން ނަގާތީ ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

މި ލިޔުމާ ގުޅޭގޮތުން ސުވާލު ކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ފުލުސް އޮފީހަށް ހާޒިރު ކޮށްފަ އެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވެސް ފުލުސް އޮފީހަށް ހާޒިރު ވުމަށް ވަނީ ޗިޓު ފޮނުވާފަ އެވެ.

ނަޝީދުގެ އޮފީހުގެ ބަޔާނުގައި ބުނީ މި ދަނޑިވަޅު އެ ދެބޭފުޅުން ފުލުސް އޮފީހަށް ގެންގޮސް އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއީ މައްސަލަ ދިގުދަންމައި، ވަރަށް ސާފުކޮށް އެނގެން އޮތް މައްސަލައެއް ސިޔާސީކޮށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ކުރާ ކަމެއް ކަމުގައި ދެކެމެވެ." އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ ފުލުހުންނަކީ ސިޔާސީ ވެރިންގެ ނުފޫޒުން އެއްކިބާވެ، ގާނޫނާ ގަވައިދާ އެއްގޮތަށް މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށެވެ. އެހެންވެ، މި ފަދަ ފުރައްސާރަކުރުންތަކުން އެއްކިބާވެ، ވަކި ފަރާތަކަށް ސިޔާސީ މަންފާއެއް ހާސިލް ވާނެ ގޮތަށް މައްސަލަ ކުރިއަށް ނުގެންގޮސް ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމައި ދިނުމަށް ބަޔާނުގައި އެދިފައި ވެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަޝީދު ގެއަށް ބަދަލު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ ޖަލު ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލުކުރި ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ލިއުމެއް ދިނުމަށް ފަހު ކަމަށް، ނަޝީދުގެ އާއިލާ އާއި އެމްޑީޕީން ބުނެ އެވެ.

ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެކަހަލަ ލިޔުމެއް ނުދޭ ކަމަށެވެ. އެހެންވެ އެ ލިއުމުގެ ސައްހަކަން ބަލަައިދޭން އެމްޑީޕީން އޮތީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.