އޮސްޓްރޭލިޔާ 5ޖީ ނެޓްވޯކްތަކުން ވާވޭ އަދި ޒީޓީއީ ބޭރުކޮށްލައިފި
އޮސްޓްރޭލިޔާ 5ޖީ ނެޓްވޯކްތަކުން ވާވޭ އަދި ޒީޓީއީ ބޭރުކޮށްލައިފި

މުޅި ދުނިޔެ 5ޖީ ނެޓްވޯކަށް ތައްޔާރުވަނީ އެވެ. ހާޑްވެއާ އުފައްދާ ކުންފުނިތަކުން 5ޖީ އާލާތްތައް އުފައްދަނީ އެވެ. ޗައިނާގެ ވާވޭ އަދި ޒީޓީއީ ވެސް އަވަދި ނެތި "ފިފްތު ޖެނެރޭޝަން" އާލާތްތައް އުފައްދައި ޓެސްޓްކުރަނީ އެވެ.

އެކަމަކު ވާވޭ އަދި ޒީޓީއީގެ އާލާތްތައް ބަލައިނުގަތުމަށް އޮސްޓްރޭލިޔާއިން ނިންމައިފި އެވެ. އޮސްޓްރޭލިޔާއިން ބުނި ގޮތުގައި، އެ ގައުމުގެ 5ޖީ ނެޓްވޯކުން އެ ދެ ކުންފުންޏަށް ޖާގައެއް ނުދެވޭނެ އެވެ. މާނަ އަކީ ވާވޭ އަދި ޒީޓީއީ އުފައްދާ 5ޖީ ހާޑްވެއާ އޮސްޓްރޭލިޔާ ނެޓްވޯކްތަކުގައި ބޭނުންކުރުން މަނާވުމެވެ.

އޮސްޓްރޭލިޔާ 5ޖީ މުވާސަލާތީ ނެޓްވޯކްތަކުގައި، ވާވޭ އަދި ޒީޓީއީ އާލާތްތައް ބޭނުންކުރުން އެ ގައުމުން މަނާކުރަނީ ސަލާމަތީ ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ އެވެ. އެމެރިކާގައި ވާވޭ ފޯނުތައް ބޭނުންކުރުން މަނާކުރީ ވެސް އެއީ ގައުމަށް ބިރުވެރި ޑިވައިސްތަކެއް ކަމަށް ބުނެ އެވެ.

އެމެރިކާ، އޮސްޓްރޭލިޔާ އަދި ބައިވެރިން ދެކޭ ގޮތުގައި، ވާވޭ އަދި ޒީޓީއީ އަކީ ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭ އޭޖެންޓުންތަކެކެވެ. އެ ކުންފުނިތަކުން އުފައްދާ ރައުޓާ، މޯޑެމް، "އޮޕްޓިކަލް ނެޓްވޯކް ޓާމިނަލް – އޯއެންޓީ" އަދި ނެޓްވޯކް ސްވިޗް ފަދަ ޑިވައިސްތައް ޑިޒައިންކޮށްފައި ހުންނަނީ، އެ ޑިވައިސްތައް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތައް ޗައިނާ އަށް ފޯރާ ގޮތަށެވެ. ބޭނުންކުރާ މީހުންނަށް އެނގުމެއް، ހިލަމެއް ނުވެ ވާނުވާ ޗައިނާ އަށް އެނގޭ ގޮތަށެވެ.

ޗައިނާ ކުންފުނިތަކުން ވިޔަފާރިކުރުމުގައި އެއްބަސްވާންޖެހޭ މާއްދާތަކުގެ ތެރޭގައި، ސަރުކާރުން އެދިއްޖެ ހިނދެއްގައި އެއްބާރުލުން ދޭންޖެހޭ ކަމަށް ބުނާ ނުކުތާއެއް އޮވެ އެވެ. އެ ނޫން ގޮތެއްގައި ވިޔަފާރި ލައިސަންސަށް ބުރޫއަރާ ކަމަށް ވެ އެވެ. މި މާއްދާ އަށް އިނގިލި ދިއްކޮށް އޮސްޓްރޭލިޔާއިން ގަބޫލުކުރާ ގޮތުގައި ވާވޭ އަދި ޒީޓީއީ މިހާރު ވެސް ޖާސޫސްކުރެ އެވެ.

އެމެރިކާއިން ވިޔަފާރި މުއާމަލާތްތަކުން ޗައިނާ އަށް ދަތިކުރަން ކުރާ މަސައްކަތުގައި އޮސްޓްރޭލިޔާ، އިނގިރޭސިވިލާތް އަަދި ބައިވެރިން އެއްބާރުލާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ވާވޭ އަށް ބީރައްޓެހި ގައުމަކަށް އިނގިރޭސިވިލާތް ވެސް ވެދާނެ އެވެ.