24 އޯގަސްޓް 2018 - 15:03

އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ ފިރިހެން ސިންގަލްސް ބައިގައި މިއަދު ރާއްޖޭގެ ޒަޔާން ޒަކީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ޒަޔާން މޮޅުވީ އަފްގާނިސްތާންގެ ސައީދު އިމްރާން މެރީއާ ވާދަކޮށެވެ. ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުން ޒަޔާން މޮޅުވީ 22-20، 21-11 އިންނެވެ. މާދަމާ ކުޅޭ ގަދަ 16 ކުޅުންތެރިންގެ ބުރުގައި ޒަޔާން ކުޅެން ޖެހެނީ ޖަޕާނުގެ ނަޝިމޯޓޯ ކެންޓާއާ ދެކޮޅަށެވެ. ނަޝިމޯޓޯ ވަނީ މި އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންޝިޕްގެ ގަދަ 16 ކުޅުންތެރިން ވާދަކުރާ ބުރުގައި ކުޅެފަ އެވެ. އޭނާ މި ވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 14 ވަނައިގަ އެވެ.
ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ މުހައްމަދު އަޖުފާން ކުޅުނު މެޗުން ވަނީ ދުނިޔޭގެ ދިހަ ވަނަ ހޮން ކޮންގެ ލޯން އެންގަސް އަތުން ބަލިވެފަ އެވެ. އެންގަސް އަޖުފާން އަތުން މޮޅުވީ 9-21، 10-21 އިންނެވެ.
އޯޕަން ޑްރޯގައި ރާއްޖޭގެ އެހެން ކުޅުންތެރިން ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. ފިރިހެން ޑަބަލްސް ބައިން ރާއްޖޭގެ އަހުމަދު ތޯއިފް އާއި އަޖުފާންގެ ޕެއާ ބަލިވީ އިންޑިއާގެ ސުމީތު ރެޑީ އާއި އަތުރީ މައްނޫގެ ޕެއާ އަތުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-10، 21-08 އިންނެވެ. ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ ޒަޔާން އާއި މުހައްމަދު ސާރިމްގެ ޕެއާ ބަލިވީ ޗައިނީސް ޓައިޕޭގެ ލީ ޔުހޭއީ އާއި ލީ ޔަންގް އަތުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-04، 21-07 އިންނެވެ.
އަންހެން ސިންގަލްސް ބައިން ރާއްޖޭގެ ފާތިމަތު ނަބާހާ ބަލިވީ ނޭޕާލްގެ ތަމަން ނަންގްސަލްއާ ވާދަކޮށެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-19، 21-15 އިންނެވެ. އަންހެން ސިންގަލްސްގައި ވާދަކުރި ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް ބަލިވީ ޖަޕާނުގެ އޮކުހާރާ ނޮޒޫމީ އަތުން 21-02، 21-05 އިންނެވެ.
އަންހެން ޑަބަލްސް ބައިގައި ޕާކިސްތާނުގެ ގަޒާލާ ސިއްދީގާއި ސައިމާ ވާގަސް އަތުން ރާއްޖޭގެ ނީލާ ނަޖީބާއި ޝަހުރުނާޒްގެ ޕެއާ ބަލިވީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 22-20، 18-21 އަދި 21-15 އިންނެވެ. ރާއްޖޭގެ އަނެއް އަންހެން ޕެއާ ކަމަށްވާ ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ބަލިވީ އިންޑޮނީޝިއާގެ ދެއްލާ ހާރިސް އާއި ޕްރަދިޕްތާ ރިޒްކީގެ ޕެއާ އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-06، 21-04 އިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން ބުނީ މި ފަހަރުގެ އޭޝިއަން ގޭމްސް އިން އަންނަ އަހަރުގެ ސާފް ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލް ހޯދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މުހިއްމު ތަޖުރިބާތަކެއް ލިބޭނެ ކަމަށެވެ.