އެންމެ މުހިއްމީ މުޅި ޓީމުގެ އިތުބާރު: ކޯޗު
އެންމެ މުހިއްމީ މުޅި ޓީމުގެ އިތުބާރު: ކޯޗު

ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ ސާފް ސުޒުކީ ކަޕާ ކުރިމަތިލާއިރު އެންމެ މުހިއްމު ކަމަކީ މުޅި ޓީމު ވެސް އިތުބާރާ އެކު އޮތުން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

މި މަހު ހަ ވަނަ ދުވަހު 27 ކުޅުންތެރިންގެ ސްކޮޑަކާ އެކު ގައުމީ ޓީމުން އަންނަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. ސާފް ސުޒުކީ ކަޕަށް ފަރިތަކުރުމުގެ ގޮތުން ގައުމީ ޓީމު ވަނީ މި މަހު 14 ވަނަ ދުވަހު ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ އަތުން 4-3 އިން މޮޅުވެފަ އެވެ.

ގައުމީ ޓީމުން މި ވަގުތު ތައްޔާރުވަމުން އަންނަނީ އަންނަ ހޯމަ ދުވަހުގެ ރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށެވެ. ސެގާޓް ބުނީ އެއީ ވެސް ގިނަ ކަންތައްތަކެއް ދަސްވާނެ މެޗެއް ކަމަށެވެ.

"[މި ވަގުތަށް] ދަސްކުރުމުގެ ފަހު މަރުހަލާ އަކީ ޕާކިސްތާން މެޗު. އެ މެޗުގައި ވެސް އަހަރެމެންނަށް ކަންތައްތަކެއް އެނގިގެންދާނެ. މި ހުރިހާ ކަމަކަށް ފަހު އަހަރެމެންގެ ބޮޑު ފޯކަސް އަކީ 100 ޕަސެންޓާ އެކު ސްރީ ލަންކާ މެޗަށް ދިއުން. އިތުބާރު ދެމެހެއްޓުން،" ކުރިން އަފްގާނިސްތާނަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.

އޭނާ ބުނީ އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަހަށް ފަހު މުބާރާތަށް ދާން ޖެހޭނީ ވެވޭނެ އެންމެ ފުރިހަަމަ އަކަށް ތައްޔާރުވެގެން ކަމަށެވެ.

"މުބާރާތަށް ދިޔައިމަ ހުރިހާ ކަމެއް ބަދަލުވާނެ. ބަންގްލަދޭޝަށް ގޮސް އަހަރެމެން ހަތް ވަނަ ދުވަހު ސްރީ ލަންކާއާ ކުޅޭނީ. ދެން އަހަރެމެންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އެއީ އަނެއްކާ ނުވަ ވަނަ ދުވަހު އިންޑިއާއާ ކުޅެން ޖެހޭތީ. އެހެންވެ ޓްރެއިނިންއަކަށް މާ ބޮޑު ވަގުތެއް ނޯންނާނެ،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ އަލް-މަރްޚިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކުޅުންތެރިންނަށް ތަފާތު އެއްޗެހިތައް ބުނެދެމުން އަންނަ ކަމަށާއި ކުޅުންތެރިން ވެސް އޭނާގެ ރޭވުންތެރިކަމާ އެއްގޮތަށް ކުޅެން ދަސްކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ބަދަލު އެބަ ފެނޭ ކުޅުންތެރިންގެ ފަރާތުން. ފިޓްނަސް ކަންތައްތަކާއި ކުޅުންތެރިންގެ އެހެނިހެން ތައްޔާރީތައް ވެސް ވަރަށް ފުރިހަމަކޮށް ދަނީ. ޓެކްޓިކްސްތަކަށް ކުޅުންތެރިން ހޭނުމުގެ މަސައްކަތް މިދަނީ. މި ޓީމު މި އޮތީ ރަނގަޅު ޓްރެކުގައި. ވަރަށް ޒުވާން ކުޅުންތެރިން ތިބީމަ ދަސް ވެސް ކުރޭ. ނަތީޖާ ނެރުމުގެ ޕްރެޝަރު އޮތަސް ފުރުސަތު ދޭނަން،" ސެގާޓް ބުންޏެވެ.

އޭނާގެ މަސައްކަތަށް ލިބޭ އެންމެ ބޮޑު ފަސޭހަ އަކީ ކުޅުންތެރިން ކުރާ ހިތްވަރުކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

"ކޮންމެ ޕްރެކްޓިހެއްގެ ފަހު ވަގުތާ ހަމައަށް ވެސް މި ކުޅުންތެރިން ހިތްވަރާ އެކު މަސައްކަތް ކުރާތަން ފެނުނީމަ އަހަރެން ވަރަށް ހިތްހަމަ ޖެހޭ. ޑިފެންސާއި އެޓޭކުގައި ވެސް ކުޅުންތެރިން ބައިވެރިވޭ. މި ވަގުތު މިސްޓޭކް ހެދޭނެ. އެ ރަނގަޅު ކުރަން ވަގުތު އެބަ އޮތް. ޓީމެއްގެ ގޮތުގައި މި ޓީމު ކުރިއެރުން މުހިއްމީ. ކޯޗެއްގެ ގޮތުގައި އަހަރެން ވިސްނަނީ ވެސް އެގޮތަށް،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ މި ވަގުތު ޓީމުގައި އެންމެ ވާދަވެރިކަން ބޮޑުވެފައިވަނީ ފައިނަލް ސްކޮޑުން ފުރުސަތު ހޯދުން ކަމަށާއި އެއީ ވަރުގަދަ ޓީމެއް ބިނާކުރަން އޭނާ އަށް އޮތް ފަސޭހައެއް ކަމަށެވެ.

"ކޮންމެ ކުޅުންތެރިއަކު ވެސް ޖާގައެއް ހޯދަން ވަރަށް ބުރަކޮށް މަސައްކަތްކުރޭ، އެއީ ވެސް އުފަލެއް. ކޮންމެ ޓްރެއިނިންއެއްގައި ވެސް އެކަން ފެނޭ. ކޮންމެ ޓްރެއިނިންއެއްގައި ވެސް ކުޅުންތެރިން 100 ޕަސެންޓް އެބަ ދޭ،" ސެގާޓް ބުންޏެވެ.

މިހާރު އޮތް ސްކޮޑުން ހަތް ކުޅުންތެރިން ބާކީކޮށް ގައުމީ ޓީމު އަންނަ މަހު ދެ ވަނަ ދުވަހު ބަންގްލަދޭޝަށް ފުރާނީ 20 ކުޅުންތެރިންނާ އެކު އެވެ.