ކުޅުންތެރިންގެ ރުހުން ސާރީ އަށް
ކުޅުންތެރިންގެ ރުހުން ސާރީ އަށް

ލަންޑަން (އޮގަސްޓް 24) – ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ހަރުކަށި އުސޫލުތައް ބަދަލުކޮށް އާ ކޯޗު މައުރީޒިއޯ ސާރީ ފަސޭހަ ބަދަލުތައް ގެންނާތީ ކުޅުންތެރިންގެ ރުހުން އޭނާ އަށް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ކުޅުންތެރިން ކޮންމެ ދުވަހަކު ތަމްރީންތަކަށް އަންނައިރު ހިތްހަމަޖެހިފައި ތިބެން ސާރީ ބޭނުންވާ ކަމަށާއި އެކަމަށް މަގުފަހިކުރަން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހެނދުނުގެ ތަމްރީންތަކަށް އަންނަން ޖެހޭ ގަޑި ފަސްކޮށް، ކުޅުންތެރިންނަށް އާއިލާއާ އެކު ވަގުތު ހޭދަކުރެވި ދަރިން ސްކޫލަށް ގެންދިއުން ފަދަ ކަންކަން ކުރެވޭނެ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން މެޗުގެ ކުރީރޭ މުޅި ޓީމު ހޮޓަލެއްގައި ކޭމްޕްކުރާ އުސޫލު ވެސް ސާރީ ވަނީ ބަދަލުކޮށްފަ އެވެ. މާނައަކީ އެރޭ އާއިލާއާ އެކު ކުޅުންތެރިންނަށް ގޭގައި ހޭދަކުރުމުގެ ފުރުސަތު ލިބުނެވެ.

ސާރީގެ ކުރީގެ ޓީމު ކަމަށްވާ ނަޕޯލީގެ ކެޕްޓަން މަރެކް ހަމްސިޗް ވެސް ވަނީ ސާރީ އަށް ކުރިން ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ ތަމްރީންތަކުގައި ކުޅުންތެރިންގެ ސަތޭކަ ޕަސެންޓް ސަމާލުކަން ކޯޗު ބޭނުންވާ ކަމަށާއި އެކަމަކު ތަމްރީންތަކަށް ފަހު ފެންނަނީ ވަރަށް ހަމަޖެހޭ، އެންމެންނާ ގުޅޭ ކޯޗެއް ކަމަށެވެ.

ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ. ސާރީގެ ޕާސިން ގިނަ، އެޓޭކިން ކޯޗިން ސްޓައިލަށް ގިނަ ބަޔެއްގެ ތައުރީފް އަންނަނީ އޮހެމުންނެވެ.