24 އޯގަސްޓް 2018 - 12:40

މެޑްރިޑް (އޮގަސްޓް 24) – ރެއާލް މެޑްރިޑުން އެޓޭކިން ކުޅުންތެރިޔަކު ގެނައުމާ މެދު ގޮތެއް ގޮތެއް ނުނިންމާ ތިބީ، ފްރާންސްގެ ޕީއެސްޖީގެ އަށް ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދުގެ ތެރެއިން ލިބޭނެ އަދަބަކަށް ބަލަމުން އަންނާތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާކަން ސާބިތުވެއްޖެ ނަމަ ޕީއެސްޖީ އަށް ކުޅުންތެރިންތަކެއް ވިއްކާލަން މަޖުބޫރުވާނެ އެވެ. އެހެންވެއްޖެ ނަމަ ރެއާލް މެޑްރިޑަށް ޕީއެސްޖީގެ ނޭމާ ގަތުމުގެ ފުރުސަތު ލިބިދާނެ އެވެ. މެޑްރިޑުން މި ސީޒަނުގައި ނޭމާ ގަންނާނެ ކަމަށް ކުރިން ވެސް އަޑުފެތުރުނެވެ.
ޕީއެސްޖީ އަށް ލިބިދާނެ އަނެއް އަދަބަކީ ކުޅުންތެރިން ނުގެނެވޭ ގޮތް ވުމެވެ. އެހެންވެއްޖެ ނަމަ ލޯން އުސޫލުން މޮނާކޯ އިން ގެނެސްފައި ހުރި ކީލިއަން އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ނުކުރެވި އޭނާ އަނބުރާ ފޮނުވާލަން ޖެހޭނެ އެވެ. އެހެންވެއްޖެ ނަމަ އެމްބާޕޭ ގެނައުމުގެ ފުރުސަތު ވެސް މެޑްރިޑަށް ލިބޭނެ އެވެ.
ރެއާލް މެޑްރިޑުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު، އޭނާގެ ބަދަލުގައި ކުޅުންތެރިޔަކު އަދި ނުގެނެ އެވެ. ޗެލްސީގެ އެޑެން ހަޒާޑް ގަންނަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވެ އެވެ. ސްޕެއިނުގެ ޓްރާންސްފާ ބާޒާރު ބަންދުވުވާން ދެން އޮތީ ހަފުތާ އެކެވެ. ޕީއެސްޖީއާ މެދު ޔުއެފާ އިން މިއަދު ވެސް ގޮތެއް ނިންމަފާނެ ކަމަށް ބެލެވެ އެވެ.