24 އޯގަސްޓް 2018 - 10:01

ސިޑްނީ (އޮގަސްޓް 24) - އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މެލްކޮމް ޓާންބުލްއާ ދެކޮޅަށް ޕާޓީގެ ތެރޭގައި ލީޑަޝިޕް ވޯޓެއް ނަގައި ބޮޑު ވަޒީރުގެ މަގާމުން އޭނާ ދުރުކޮށްފި އެވެ.
ޓާންބުލްގެ ހިންގުންތެރިކަމާ މެދު ޕާޓީގެ ތެރޭން އޭނާ އަށް ޕްރެޝަރު ކުރިމަތި ކުރާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެންވެ ޕާޓީގެ ބައެއް މެންބަރުން ބާރު އަޅައިގެން ބޭއްވި ލީޑަޝިޕް ވޯޓް، ޓްރެޝަރާގެ މަގާމުގައި ހުންނެވި ސްކޮޓް މޮރިސަން ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. ބޮޑު ވަޒީރު ކަމަށް ދެން ވަޑައިގަންނަވާނީ އޭނާ އެވެ. ލީޑަޝިޕް ވޯޓުގައި ޓާންބުލް ބައިވެރިވެވަޑައިނުގަންނަވަ އެވެ. ލީޑަޝިޕް ވޯޓު ނަގާފައި ވަނީ ޕާޓީގެ ޕާލަމެންޓް މެންބަރުންގެ އަޣުލަބިއްޔަތުން އެކަމަށް އެދުމުންނެވެ.
ލީޑަޝިޕް ވޯޓުގައި މޮރިސަން ވާދަކުރެއްވީ ކުރީގެ ހޯމް އެފެއާާޒް މިނިސްޓަރު ޕީޓާ ޑަޓޮންއާ އެވެ. އެ ވޯޓު މޮރިސަން ކާމިޔާބު ކުރެއްވީ 45-40 ވޯޓުންނެވެ. ލީޑަޝިޕް ވޯޓުގައި ފޮރިން މިނިސްޓަރު ޖޫލީ ބިޝޮޕް ވެސް ވާދަކުރެއްވި އެވެ. ނަމަވެސް ފަހު ބުރަށް އޭނާ ނުހޮވެ އެވެ.
ޓާންބުލް އަކީ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑުގައި މަގާމުން ދުރުކުރި އޮސްޓްރޭލިއާގެ ހަތަރު ވަނަ ބޮޑު ވަޒީރެވެ.