24 އޯގަސްޓް 2018 - 09:38

ވޮޝިންޓަން (އޮގަސްޓް 24) - ސިޔާސީ ޕްރެޝަރަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް ބޯނުލަނބާނެ ކަމަށް އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ ބަހުގެ ހަމަލާތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޓްރަމްޕް ވަނީ ޖަސްޓިސް ޑިޕާޓްމަންޓް އޮތީ އެޓާނީ ޖެނެރަލް ސެޝަންސްގެ ކޮންޓްރޯލްގެ ދަށުގައި ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އޮތީ ހުވާ ކުރި ދުވަހުން ފެށިގެން އަޅުގަނޑުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި،" ސެޝަންސް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގައި ތިބިވަރުގެ ކުޅަދާނަ ޕްރޮސެކިއުޓަރުންނާއި ގާނޫނު ތަންފީޒް ކުރާ އިންވެސްޓިގޭޓަރުން އެހެން ގައުމެއްގައި ނުތިބޭނެ ކަމަށެވެ. އަދި ގާނޫނު ތަންފީޒް ކުރުމުގައި މިހާތަނަށް އަދާކުރި ރޯލާ މެދު ހިތްހަމަޖެހޭ ކަމަށް ސެޝަންސް ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި މައްސަލަ ތަހުގީގު ކުރަން ފެށުމާ އެކު ޖެފް ސެޝަންސް އާއި ޓްރަމްޕުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އެކަމަކު ސެޝަންސް އަކީ ކުރިން ޓްރަމްޕުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅަކަށް ވުމާއެކު، މަސްލަހަތު ފުށުއަރައިފާނެތީ، އެ ތަހުގީގުން އޭނާ ވަނީ އެއް ފަރާތްވެ، އެ މައްސަލަތައް ބެލުން ސެޝަންސްގެ ނައިބާ ހަވާލުކޮށްފަ އެވެ.
އިންތިޚާބަށް ނުފޫޒް ފޯރުވި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ ސްޕެޝަލް ކޮންސެލް ރޮބަޓް މުލާގެ ބެއްލެވުމުގެ ދަށުންނެވެ. ތަހުގީގުގައި ދަނީ އިންސާފު ގާއިމް ކުރުމަށް ޓްރަމްޕް ހުރަސް އެޅުއްވިތޯ ވެސް ބަލަމުންނެވެ.