24 އޯގަސްޓް 2018 - 09:04

މައްކާ (އޮގަސްޓް 24) - މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ނިމުނު އިރު މައްކާގެ މާތްވެގެންވާ ބިންތަކުން ނެގި ކުނީގެ އަދަދު 42،000 ޓަނަށް އަރާ ކަމަށް މައްކާ މުނިސިޕަލްޓީން ބުނެފި އެވެ.

މައްކާ މުނިސިޕަލްޓީގެ ސެނިޓޭޝަން ޑިޕާޓްމަންޓުގެ ވެރިޔާ މުހައްމަދު އަލް ސާތީ ވިދާޅުވީ ހައްޖުގެ އަޅުކަމުގެ ތެރޭގައި ކުނި މަދުކޮށް ތިމާވެއްޓާ ވީހާ ވެސް ރަހުމަތްތެރި ގޮތަކަށް އިންތިޒާމްތައް ކުރިއަށް ގެންދެވޭތޯ ބަލާ ކަމަށެވެ. މި ގޮތުން ގިނަ އަދަދެއްގެ ޕްލާސްޓިކް ކުނި ރިސައިކްލިން އަށް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

"ހައްޖުގެ އަޅުކަމުގެ ތެރޭގައި އުފެދޭ ކުނީގެ މައްސަލަ އަކީ ބޮޑު ގޮންޖެހުމެއް. ހައްޖުވެރިން އިތުރުވާ ވަރަށް ކުނީގެ އަދަދު ވެސް އިތުރުވާނެ. މުގައްދަސް ބިންތަކުގައި ޖާގަ ހުންނަނީ ލިމިޓްވެފައި. ތަފާތު ގައުމުތަކުގެ މީހުން އެ ތަންތަނަށް ޒިޔާރަތް ކުރޭ،" އަލް ސާތީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޖުގެ އަޅުކަމުގެ ތެރޭގައި ކުނި މަދު ކުރުމާ ގުޅޭ ގޮތުން ހައްޖުވެރިންގެ ގައުމުތަކުގައި ވެސް ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި އިސްލާމް ދީނަކީ އިސްރާފް ކުރުން މަނާ ދީނެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މައްކާގެ މާތްވެގެންވާ ބިންތަކުން ކުނި ނަގާ ސާފު ކުރުމަށް 13،000 މަސައްކަތު މީހުން ވަނީ ހަމަޖައްސައިފަ އެވެ.

ސައުދީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.4 މިލިއަން މީހުން ބައިވެރިވި އެވެ.

އަލް ސާތީ ވިދާޅުވީ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ކުނީގެ އަދަދު ތިންބައިކުޅަ ދެބަޔަށް މަދު ކުރުން ކަމަށެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި އުފެދުނު ކުނި އެކި ބައިތައް ވަކި ކުރުމަށް ފަހު ތަފާތު ކުންފުނިތަކަށް ރިސައިކްލް ކުރަން ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީން އުއްމީދު ކުރަނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ހައްޖާއި އުމްރާ އަށް 30 މިލިއަން މީހުން ދާނެ ކަމަށެވެ.