25 އޯގަސްޓް 2018 - 17:04

ޖަކާޓާ (އޮގަސްޓް 25) - ބަންގީގެ އަޑުގަދަވެގެން ޝަކުވާކުރި އިންޑޮނީޝިއާގެ ބުޑިސްޓް އަންހެނަކު 18 މަހަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ޗައިނީޒް ދަރިކޮޅަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ މެއިލިއާނާ ނަމަކަށް ކިޔާ މީހާ ވަނީ އޭނާ ދިރިއުޅޭ ސަރަހައްދުގައި ހުރި މިސްކިތުން ބަންގި ގޮވާ އަޑު ގަދަވުމުން ކަންފަތަށް އުނދަގޫވާ ކަމަށް ބުނެ އިސްލާމް ދީނަށް ނަފްރަތުކޮށްފަ އެވެ.
ސުމަތުރާ އައިލެންޑުގެ މެދާން ސިޓީގެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ އަންހެން މީހާ ކުރި ކޮމެންޓާ ގުޅިގެން މުސްލިމުން ރުޅިގަދަވެ ބުޑިސްޓް ފައްޅިތަކަށް ހަމަލާދީފައިވާ ކަމަށެވެ.
ދުނިޔޭގައި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ އިންޑޮނީޝިއާގަ އެވެ. އެކަމަކު ހިންދޫންނާއި ކްރިސްޓިއަނުން އަދި ބުޑިސްޓުން ގިނަ އަދަދަކަށް ދިރިއުޅެ އެވެ. އިންޑޮނީޝިއާގެ 260 މިލިއަން އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 90 ޕަސެންޓެވެ. އެ ގައުމުގައި 800،000 އަށް ވުރެ ގިނަ މިސްކިތް ހުރެ އެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ އިންޑޮނީޝިއާގައި ކުށެކެވެ. ޖަކާޓާގެ ކުރީގެ ކްރިސްޓިއަން ގަވަރްނަރު ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން، މިދިޔަ އަހަރު ދެ އަހަރަށް ޖަލަށްލައިފަ އެވެ.