ވިސާ މައްސަލަ ޖެހި ނޭޕާލް ކޯޗަށް މަގާމް ގެއްލިއްޖެ
ވިސާ މައްސަލަ ޖެހި ނޭޕާލް ކޯޗަށް މަގާމް ގެއްލިއްޖެ

ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖަޕާނުގެ ޔޮޓޮކޫ ކޯޗީ އަށް އެ ގައުމަށް އެރުމުގެ ހުއްދަ އިމިގްރޭޝަނުން ނުދިނުމުން، އޭނާ ވަކިކޮށް ސާފް ސުޒުކީ ކަޕަށް ޓީމު ތައްޔާރުކުރުމުގެ ޒިންމާ އެސިސްޓަންޓް ކޯޗު ބާލް ގޯޕާލް މަހާރަޖަންއާ ހަވާލްކޮށްފި އެވެ.

ނޭޕާލް އިމިގްރޭޝަނުން ބުނީ 2016 ވަނަ އަހަރު ނޭޕާލާ ހަވާލުވީއްސުރެ ކޯޖީ މަސައްކަތްކުރަމުން އައީ ވޯކްޕާމިޓް ނެތި ޓޫރިސްޓް ވިސާގައި ކަމަށެވެ. އަދި 150 ދުވަހުގެ މުއްދަތަކަށްދޭ އެ ވިސާ ވެސް ޖުލައި މަހު ވަނީ ހަމަވެފަ އެވެ. އެހެންވެ އޭޝިއަން ގޭމްސް އަށް ނޭޕާލުގެ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން ގޮސް، އޭނާ އެނބުރި ނޭޕާލަށް ނުދެ އެވެ.

ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިންދްރާ މާން ތުލަދަރް ވިދާޅުވީ ކޯޖީގެ ވިސާގެ ކަންކަން ހަމަޖައްސަން 15 ދުވަސް ނަގާނެ ކަމަށާއި އެކަމަކު އަންނަ މަގުގެ 4 ވަނަ ދުވަހު ފަށާ މުބާރާތަށް ތައްޔާރުވާން މިހާރުން މިހާރަށް މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

ވިސާގެ މައްސަލައިގެ އިތުރުން، އޭޝިއަން ގޭމްސްގެ ނަތީޖާތައް ދަށްވުމުން ކޯޖީ މަގާމުގައި ނުބަހައްޓަން އެސޯސިއޭޝަނުން އޮތީ ނިންމައިފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން ނޭޕާލް ކެޓީ ވިއެޓްނާމް، ޖަޕާން އަދި ޕާކިސްތާން އަތުން ބަލިވެގެންނެވެ. މީގެ ތެރެއިން ޕާކިސްތާނަކީ ފަހަކަށް އައިސް ނޭޕާލަށް ވުރެ ދަށުގައި އޮތް ގައުމެކެވެ.

އިންދްރާ ވިދާޅުވީ ކޯޖީ މަގާމުގައި ބެހެއްޓުމާ މެދު މަޝްވަރާކުރި ކަމަށާއި އެކަމަކު ޕާކިސްތާން އަތުން ބަލިވުމުން ބޮޑު ޝޮކެއް ލިބި އޭނާގެ މުސްތަގުބަލާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނީ ކަމަށެވެ.

ނޭޕާލުގެ އާ ކޯޗު އަދި ކުރީގެ މިޑްފީލްޑަރު މަހާރަޖަން ވަނީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕް ނޭޕާލަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭނާ ވަނީ ނޭޕާލުގެ 19 އަހަރުން ދަށުގެ ޓީމަށް 2015 ވަނަ އަހަރުގެ ޔޫތު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީފަ އެވެ.

ޕާކިސްތާނާއި ލަންކާ އަދި ބަންގްލަދޭޝްގެ ވެއްޓުމާ އެކު ދެކުނު އޭޝިއާ ފުޓްބޯޅައިގައި އިންޑިއާ އާއި ރާއްޖެ އަދި އަފްގާނިސްތާނަށް އެންމެ ވާދަކުރަމުން އައީ ނޭޕާލެވެ. އެ ޓީމުގެ ހަލުވި ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު ސާފް ޗެމްޕިއަންޝިޕުގެ ފޭވަރިޓުންގެ ތެރޭ ވެސް ހިމެނުނެވެ. އެކަމަކު އަނެއްކާ ވެސް ނަތީޖާތައް މިވަނީ ދަށްވާން ފަށައިފަ އެވެ.

ސާފް ސުޒުކީ ކަޕުގައި ނޭޕާލް ހިމެނެނީ ޕާކިސްތާން، ބޫޓާން އަދި ބަންގްލަދޭޝްއާ އެކު ގްރޫޕް އޭ ގަ އެވެ. އަނެއް ގްރޫޕުގައި އޮތީ ރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާ އެވެ.