އޭޝިއަން ގޭމްސްގައި ވާދަކުރަނީ ފިރިހެން ޓީޓީ ޓީމު
އޭޝިއަން ގޭމްސްގައި ވާދަކުރަނީ ފިރިހެން ޓީޓީ ޓީމު

އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓަށް ރާއްޖޭން ހަމައެކަނި ފިރިހެން ޓީމެއް ފޮނުވާ ގޮތަށް ނިންމާފައިވާއިރު، ރާއްޖޭގެ ޓީމުން މިއަދު ފުރައިފި އެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރަނީ ފިރިހެން ޓީޓީ ޓީމު
އޭޝިއަން ގޭމްސްގައި ވާދަކުރަނީ ފިރިހެން ޓީޓީ ޓީމު

ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ވެސް ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް އަދި ފަހަކަށް އައިސް ޖޫނިއާ ކުޅުންތެރިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

މިއަދު ފުރި ޓީމުގައި ހިމެނެނީ މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޒީސްތު ނަސީމާއި މުހައްމަދު ޝައްފާން އިސްމާއިލް އަދި މުހައްމަދު ތާބިން ސުޖާއު އެވެ. ކޯޗަކީ ސްރީ ލަންކާގެ ޗަމިންދާ ސަމްޕަތު ރޮޑްރިގޯ އެވެ. މެނޭޖަރެއްގެ ގޮތުގައި ދިޔައީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު އެވެ.

މުބާރާތަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ ޓީމުން ވަނީ އިތުރު ތަމްރީން ހޯދައި ވާދަވެރި މެޗުތަކެއް ކުޅުމަށް އިންޑިއާގެ ހަރްޔާނާގައި ހުންނަ ޕިނޭކަލް ޓޭބަލް ޓެނިސް އެކަޑަމީއަށް މިދިޔަ މަހުގެ 16-22 އަށް ދަތުރެއްކޮށްފަ އެވެ. އެ ތަމްރީން ޕްރޮގްރާމުގައި ފިރިހެން ތިން ކުޅުންތެރިންގެ އިތުރުން އަންހެން ތިން ކުޅުންތެރިންނަށް ވެސް އެސޯސިއޭޝަނުން ފުރުސަތު ދިނެވެ.

އަދި އޭގެ ކުރިން ނިއު ދިއްލީގައި ހުންނަ ޕިނޭކަލް އެކަޑަމީގެ ޓީމެއް ރާއްޖެ އައިސް ރާއްޖޭގެ ކުޅުންތެރިން ތަމްރީންކޮށް ވާދަވެރި މެޗުތަކެއް ކުޅުނެވެ.

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ ފިރިހެން ޓީމު އިވެންޓުގެ ޕްރިލިމިނަރީ ބުރު ފަށާނީ އާދީއްތަ ދުވަހު އެވެ. ފިރިހެން ސިންގަލްސްގެ ޕްރިލިމިނަރީ ބުރު ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި އިވެންޓުގައި ވާދަކުރާ 50 ކުޅުންތެރިންގެ ތެރެއިން ރާއްޖޭގެ މުންސިފް 40 ވަނައިގައި ސީޑްކޮށްފައިވާއިރު ޒީސްތު އޮތީ 41 ވަނައިގަ އެވެ. އެއް ވަނައިގައި ސީޑްކޮށްފައި ވަނީ ޗައިނާގެ ފަން ޒެންޑޮން އެވެ. މި ސަރަހައްދުން އެންމެ މަތީ ސީޑުގައި އޮތީ 10 ވަނައިގައި އޮތް އިންޑިއާގެ ޝަރަތު ކަމާލެވެ.