23 އޯގަސްޓް 2018 - 16:11

ކެރަލާ ސްޓޭޓް (އޮގަސްޓް 23) - ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން އެހީގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރު އިންޑިއާގެ މައި ސަރުކާރުން ގަބޫލް ނުކުރުމުން ކެރަލާގެ ލީޑަރުން ރުޅިގަދަވެއްޖެ އެވެ.
ކެރަލާ އަށް ކުރި ގަދަ ވިއްސާރައިގައި 420 އަށް ވުރެ ގިނަ މީހުން މަރުވެ 1.3 މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ޔޫއޭއީގެ އިތުރުން ރާއްޖެ އާއި ގަތަރުން ދިން 50،000 ޑޮލަރު ވެސް އިންޑިއާ އިން ވަނީ ގަބޫލް ނުކޮށްފަ އެވެ.
ކެރަލާގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ނަރެންދުރަ މޯދީގެ ސަރުކާރުން ގެންގުޅެނީ އެހެން މީހުންގެ އަގު ވަޒަން ކުރަން ނޭނގޭ އަދި އެހެން މީހަކަށް ވެސް އެހީއެއް ލިބުމަށް ނޭދޭ ސިޔާސަތެއް ކަމަށެވެ. ކެރަލާގެ ކޮމިއުނިކޭޝަން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެރަލާ އަށް ލިބުނު އެހީތައް ދޫކޮށްލުމުން އިންޑިއާގެ ކަނާތު ފިޔައިގެ ސަރުކާރުން އެކަމުގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ.
ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރާއި ވިޖަޔަން ވަނީ މައި ސަރުކާރާ އެކު މަޝްވަރާ ކުރަން ހުށަހަޅައިފަ އެވެ.
ޔޫއޭއީގައި އިންޑިއާގެ ތިން މިލިއަން މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭން ގިނައީ ކެރަލާ އަށް ނިސްބަތްވާ މީހުންނެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ގުދުރަތީ ހާދިސާތަކުގައި ލިބޭ ގެއްލުންތަކަށް ގައުމުގެ އެތެރޭން ލިބޭ އެހީތައް ގަބޫލްކޮށް ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ދޭ ފައިސާގެ އެހީ ގަބޫލް ނުކުރުމުގެ ސިޔާސަތު ދަމަހައްޓާނެ ކަމަށެވެ. އަދި ބޭރުން ދޭ އެހީތައް އަންނަން ޖެހޭނީ އިންޑިއާ އަށް އުފަން މީހުން މެދުވެރިކޮށް ނުވަތަ އެހީދޭ ޖަމާއަތްތައް މެދުވެރިކޮށް ކަމަށެވެ. އިންޑިއާ އިން މިގޮތަށް ނިންމާފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ހާދިސާ އަށް ފަހު އެވެ. ތަޖްރިބާކާރުން ބުނަމީ މި ގޮތަށް ނިންމީ ގުދުރަތީ ކަންކަމުން ލިބޭ ގެއްލުން އިންޑިއާ އިން އަމިއްލަ އަށް ފޫބެއްދުމުގެ ކުޅަދާނަކަން ލިބިގެންވާކަން ދެއްކުމަށް ކަމަށެވެ.
ކެރަލާގެ އޮފިޝަލުން ބުނަނީ ފެންބޮޑުވުމުގައި ލިބުނު ގެއްލުން ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. ގާތްގަނޑަކަށް 10،000 ކިލޯ މީޓަރު (6،000 މޭލު) ގެ މަގު ހަލާކުވެފައިވާ އިރު އަލުން އިމާރާތް ކުރަން ޖެހޭ ގެތަކުގެ އަދަދު 20،000 އާއި 50،000 އަށް އަރަ އެވެ.