ސްޕެނިޝް ލީގު މެޗެއް އެމެރިކާގައި ކުޅޭތީ ދެކޮޅަށް ތެދުވެއްޖެ
ސްޕެނިޝް ލީގު މެޗެއް އެމެރިކާގައި ކުޅޭތީ ދެކޮޅަށް ތެދުވެއްޖެ

މެޑްރިޑް (އޮގަސްޓް 23) – ސްޕެނިޝް ލީގުގެ މެޗެއް އެމެރިކާގައި ކުޅެން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ސްޕެއިނުގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ތެދުވެއްޖެ އެވެ.

އުތުރު އެމެރިކާގައި މެޗެއް ކުޅޭނެކަން އެ ލީގުން އިއުލާންކުރީ ބުރާސްފަތި ދުވަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ މެޗުގައި އެއްކޮޅުން ކުޅޭނީ ރެއާލް މެޑްރިޑް ނުވަތަ ބާސެލޯނާ އެވެ.

މިކަމާ ދެކޮޅަށް އިއްޔެ ބޭއްވި ކުޅުންތެރިންގެ ބައްދަލުވުމުގައި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ބާސެލޯނާގެ ވައިސް ކެޕްޓަން ސާޖިއޯ ބުސްކެޓްސް ފަދަ ތަރިން ބައިވެރިވި އެވެ. ޔޫނިއަންގެ ރައީސް ޑޭވިޑް އަގަންޒޯ ވިދާޅުވީ އެ ހިޔާލު ދޫކޮށްލަން އެދުމަށްޓަކައި ލީގުގެ ވެރިންނާ މި މަހު ބައްދަލުކުރަން ރާވާފައިވާ ކަމަށެވެ.

އެ ނިންމުން ބަދަލުނުކޮށްފި ނަމަ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ޔޫނިއަނުން އެކަމާ ދެކޮޅަށް މަސައްކަތް ފަށާނެ ކަމަށާއި މިކަންތައް ކޮޅެއްގައި ޖެއްސުމަށް ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަގަންޒޯ ވިދާޅުވީ ފުޓްބޯޅަ ހަމައެކަނި ފައިސާ އާއި ވިޔަފާރިއަށްޓަކައި ކުޅޭ މަންޒަރު ބަލަން އާދަވެފައިވާ ކަމަށާއި ކުޅުންތެރިންގެ ސިއްހަތާއި ކުޅުންތެރިންނަށް ކުރިމަތިވެދާނެ ރިސްކުތަކާ މެދު ލީގުގެ އޮފިޝަލުން ނުވިސްނާ ކަމަށެވެ.

ސްޕެނިޝް ލީގުން މި ނިންމުން ނިންމިއިރު ޔޫނިއަންނާ ވެސް ކްލަބްތަކާ ވެސް އަދި ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނާ ވެސް މަޝްވަރާނުކުރާ ކަމަށްވެ އެވެ. އަދި ސްޕެއިނުގެ ނެޝަނަލް ސަޕޯޓާސް ފެޑެރޭޝަނުން ވެސް ވަނީ މި ނިންމުމާ ދެކޮޅު ހަދައިފަ އެވެ.

ކުޅުންތެރިންގެ ޔޫނިއަނުން ވަނީ ސްޕެނިޝް ލީގުގެ މެޗުތައް ތަންކޮޅެއް ދަންކޮށް ފަށާތީ އާއި އަދި ހަފުތާ ބަންދުން ބޭރުން ހުކުރާއި ހޯމަ ދުވަހުގެރޭ މެޗު ކުޅޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަނެއްކޮޅުން ސްޕެނިޝް ލީގުން ދާދި ފަހުން ވަނީ ދެކުނު އޭޝިއާގައި މެޗުތައް ދެއްކުމުގެ ރައިޓްސް ފޭސްބުކަށް ދީފަ އެވެ. މީގެ ސަބަބުން ލީގަށް މާލީ ފައިދާ ލިބި އަދި ހިލޭ މެޗުތައް ބެލޭނެ ގޮތްވީ ނަމަވެސް ޓީވީން ނުބެލޭތީ ވަރަށް ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އަދި އޭގެ ސަބަބުން މެޗު ބަލާ މީހުންގެ ނިސްބަތް ވެސް މަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

ސްޕެނިޝް ލީގުގައި ހުރި އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ގުޅިފައިވާއިރު، އާ ސީޒަނުގައި މެޑްރިޑް ކުޅުނު މެޗު ބަލަން ވަން ސަޕޯޓަރުންގެ އަދަދު އިންތިހާ އަށް ވަނީ މަދުވެފަ އެވެ. އޭނާ ނެތްތަން ފޫބެއްދުމަށް އަގުބޮޑު ކުޅުންތެރިއަކު ގެނައުމުގައި މެޑްރިޑަށް މި ފަހަރު ކާމިޔާބެއް ނުވި އެވެ.