25 އޯގަސްޓް 2018 - 13:55

މި މަހުގެ 15 ގައި ރިލީޒް ކުރި ރޮމޭންޓިކް ކޮމެޑީ "ކްރޭޒީ ރިޗް އޭޝިއަންސް" އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީއާ ގުޅިގެން މީގެ ދެވަނަ ބައެއް ހަދާ ގޮތަށް ނިންމައިފި އެވެ.
މުޅިން ވެސް އޭޝިއާ އަށް ނިސްބަތްވާ އެކްޓަރުންތަކެއް ހިމަނައިގެން ވާނާ ބްރަދާޒް އިން ގެނެސް ދިން ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެމުން އަންނަ ތަރުހީބު ވަރަށް ބޮޑެވެ. އަދި މި ފިލްމްހެ ޖާދޫގައި ހާއްސަކޮށް ޒުވާނުން ވަނީ ވަރަށް ބޮޑަށް ޖެހިފަ އެވެ.
ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ފިލްމަަށް އާންމުންގެ ފަރާތުން ލިބެމުންދާތީ، "ކްރޭޒީ ރިޗް އޭޝިއަންސް" ގެ ޓީމް މައި ތަނބުތަކާ އެކު މީގެ ދެވަނަ ބައެއް ގެނެސް ދޭން ނިންމާފައިވާކަން ވެރައިޓީން ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.
"ކްރޭޒީ ރިޗް އޭޝިއަންސް" އަކީ ހަމަ އެ ނަމުގައި ކެވިން ވެން 2013 ގައި ގެނެސް ދިން ވާހަކަ އަށް ބިނާކޮށް ޖޮން އެމް ޗޫ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ވާހަކައިގެ އިތުރު ބައިތަކެއްގެ ގޮތުގައި ލިޔުންތެރިޔާ ވަނީ 2015 ގައި "ޗައިނާ ރިޗް ގާލް ފްރެންޑް" އަދި މިދިޔަ އަހަރު "ރިޗް ޕީޕަލް ޕްރޮބްލެމްސް" ގެ ނަމުގައި ވެސް މަގުބޫލު ވާހަކަތަކެއް ގެނެސް ދީފަ އެވެ.
ވެރައިޓީން ބުނި ގޮތުގައި "ކްރޭޒީ ރިޗް އޭޝިއަންސް" ގެ ދެވަނަ ބައި ވެސް ޖޮން ޑައިރެކްޓް ކުރާ އިރު، ސީކްއެލްގެ ސްކްރީން ރައިޓަރުންނަކީ ޕްރިކްއެލް ވެސް ލިޔުނު އެޑެލް ލިމް އާއި ޕީޓާ ޗިރެލީ އެވެ.
ޖޮންއަކީ "ސްޓެޕް އަޕް" ސީރިޒްގެ ފިލްމްތަކާއި "ނައު ޔޫ ސީ މީ 2" ގެ އިތުރުން " ޖީއައި ޖޯއީ: ރިޓަލިއޭޝަން" ފަދަ ކާމިޔާބު ފިލްމްތައް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ.
"ކްރޭޒީ ރިޗް އޭޝިއަންސް" އަކީ 30 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.