"މަނިކަރްނިކާ" ގެ މަންޒަރުތަކެއް ކަންގަނާ ރަނާވަތު ޑައިރެކްޓް ކުރަނީ
"މަނިކަރްނިކާ" ގެ މަންޒަރުތަކެއް ކަންގަނާ ރަނާވަތު ޑައިރެކްޓް ކުރަނީ

ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޝޫޓިން ނިންމާލައި، އެޑިޓިން ޓޭބަލާ ހަމައަށް ދިޔަ އިރު، ފިލްމްގެ ބައެއް މަންޒަރުތަކުގައި އަލުން ޝޫޓްކުރަން ޖެހޭ ކަހަލަ ކުދިކުދި ތަންތަންކޮޅު ހުރިކަން ފާހަގަކުރެވިގެން އެ މަންޒަރުތައް ޑައިރެކްޓް ކުރުމުގެ ޒިންމާއާ ކަންގަނާ ހަވާލުވެއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން ކަންގަނާގެ ތަރުޖަމާން މީޑިއާތަކަށް ބުނީ ކަންގަނާ ފިލްމްގެ މަންޒަރުތަކެއް ޑައިރެކްޓް ކުރަން ނިންމީ، ޑައިރެކްޓަރު ކްރިޝް މި ވަގުތު ބޮޑު އެހެން މަސައްކަތެއްގައި ވަރަށް ބޮޑަށް ބިޒީވުމުން ކަމަށެވެ.

އޭނާ މިހާރު އަންނަނީ އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ ކުރީގެ މަޝްހޫރު އެކްޓަރު އެންޓީ ރާމަ ރާއޯގެ ބައޮގްރިފިކަލް ޑްރާމާ ޑައިރެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަަވެސް "މަނިކަރްނިކާ" މަންޒަރުތަކެއް އަލުން ޝޫޓް ކުރާކަން ކަންގަނާ އާއި އެ ފިލްމް އުފައްދާ ޒީ ސްޓޫޑިއޯ އިން ވަނީ ކްރިޝްއާ ހިއްސާކޮށްފަ އެވެ. އަދ ކަންގަނާ އަށް، ފިލްމްގެ ލިޔުންތެރިން ކަމަށްވާ ކޭވީ ވިޖެންދުރަ ޕްރަސާދާއި ޕްރަސޫން ޖޯޝީގެ ފަންނީ ލަފާ ވެސް އަންނަނީ ލިބެމުންނެވެ.

ތަރުޖަމާން ބުނީ "މަނިކަރްނިކާ" އަކީ ބޮޑު ބަޖެޓަކުން ހަދައި، ކަންގަނާ ވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ފިލްމަކަށްވާތީ ސްކްރީނަށް ފިލްމް ގެންނަ އިރު، ވަރަށް ފުރިހަމަ އަށް އެކަން ކުރަން ބޭނުންވާ ކަމަށެވެ.

"އެހެންވެ ކަންގަނާ ފިލްމްގެ ޕެޗްވޯކްތަކާ ހަވާލުވީ،" އޭނާ ބުންޏެވެ.

އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވޭ އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ "މަނިކަރްނިކާ" ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 25، 2019 ގަ އެވެ. މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "މަނިކަރްނިކާ" ގެ މަންޒަރުތަކެއް ކަންގަނާ ޑައިރެކްޓް ކުރަން ހަވާލުވި އިރު، އޭނާ އަންނަނީ ރަސްމީކޮށް ޑައިރެކްޝަނަށް ނުކުންނަން ވެސް ތައްޔާރުވަމުން ކަމެވެ. އެގޮތުން "ތޭޖޫ" ކިޔާ ފިލްމެއް ލިޔެ، ޑައިރެކްޓް ކުރާނެކަން ހުނަރުވެރި ބަތަލާ ކުރިން ވަނީ އިއުލާންކޮށްފަ އެވެ.