ސޯނަމް ކަޕޫރްގެ ބައްޕަގެ ރޯލަށް ބޮޑުބޭބެ ސަންޖޭ ކަޕޫރް
ސޯނަމް ކަޕޫރްގެ ބައްޕަގެ ރޯލަށް ބޮޑުބޭބެ ސަންޖޭ ކަޕޫރް

ސޯނަމް ކަޕޫރް މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމް "ޒޯޔާ ފެކްޓާ" ގައި އޭނާގެ ބައްޕަގެ ރޯލް ކުޅެން ބޮޑުބޭބެ ސަންޖޭ ކަޕޫރް ސޮއިކޮށްފި އެވެ.

ސަންޖޭއަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރްގެ ކޮއްކޮ އެވެ.

އަބީޝެކް ޝަރްމާ ޑައިރެކްޓް ކުރާ "ޒޯޔާ ފެކްޓާ" އަށް ސޮއި ކުރިކަން ކަށަވަރުކޮށް ދެމުން ސަންޖޭ ޓައިމްސް އޮފް އިންޑިއާ އަށް ބުނީ އެ ފިލްމުން ފުރުސަތު ލިބުނީ ރަނގަޅު ރޯލެއްގެ އިންތިޒާރުގައި ހުއްޓައި ކަމަށެވެ.

"އަހަރެން ނިއު ޔޯކްގައި ހުއްޓައި ފިލްމްގެ ޕްރޮޑިއުސަރުގެ ކޯލެއް އައީ. އޭގެ ފަހުން އަބީޝެކް ގުޅާފައި ފިލްމްގައި އަހަރެން ކުޅެން ޖެހޭ ކެރެކްޓާ ނެރޭޓްކޮށް ދިނީމަ ވަރަށް ހިތްހަމަޖެހުނު،" ރާޖާ އާއި ސިރްފް ތުމް ފަދަ ފިލްމްތައް ކުޅެފައިވާ ސަންޖޭ، 52، ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" ގައި ބޭބެ އަނިލް އާއި ދޮށީ ބޭބެ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދަރިފުޅު އަރްޖުން ކަޕޫރާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވެސް ވަރަށް ބޮޑު އުފަލެކެވެ.

"މިހާރު އަނެއްކާ ވެސް ހަމަ އާއިލާގެ އިތުރު މެމްބަރަކާ އެކު ފިލްމެއްގެ މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް އުފާވެއްޖެ. ވަކިން ހާއްސަކޮށް ސޯނަމްއާ އެކު ސްކްރީން ހިއްސާކޮށްލަން ލިބުމަކީ އަހަރެން ވަރަށް ބޭނުންވެފައި ހުރި ކަމެއް،" ސަންޖޭ ބުންޏެވެ. "އެއީ އަހަރެންގެ ލޯ ކުރިމަތީގައި ބޮޑުވި، ދަރިއެއް ކަހަލަ ކުއްޖެއް."

ކްރިކެޓާއި ލޯބި މަސްހުނިކޮށްގެން ގެނެސްދޭ "ޒޯޔާ ފެކްޓާ" ގައި ސޯނަމާ އެކު ބަތަލުގެ ރޯލް ކުޅެނީ މަޝްހޫރު މަލަޔާޅަމް އެކްޓަރު ދަލްގޫރް ސަލްމާނެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އެޕްރީލް، 5، 2019 ގަ އެވެ.