ޕްރިޔަންކާ އާއި ނިކްގެ ކައިވެނި އޮކްޓޯބަރު މަހު ހަވާއީގައި
ޕްރިޔަންކާ އާއި ނިކްގެ ކައިވެނި އޮކްޓޯބަރު މަހު ހަވާއީގައި

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް މިދިޔަ ހޮނިހިރު ދުވަހު އެންގޭމަންޓް ރަސްމީ ކުރުމާ އެކު، މިހާރު އެންމެ ގަދަ އަށް ދެކެވެނީ އެ ދެ މީހުންގެ ކައިވެނީގެ ވާހަކަ އެވެ. މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 16 ގައި ފާހަގަކުރާ ނިކްގެ 26 ވަނަ އުފަން ދުވަހު އެވެ.

އެކަމަކު ރިޕޯޓްތައް މިހާރު ބުނަނީ އޮކްޓޯބަރުގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށާއި އެ ހަފުލާ ބާއްވާނީ އެމެރިކާގެ ހަވާއީ ސްޓޭޓްގައި ކަމަށެވެ. ހަވާއީއަކީ ނިކް އެންމެ ގަޔާވާ އެއް ތަނެވެ.

ދާދި ފަހުން ޕްރިޔަންކާއާ އެކު އޭނާ ހަވާއީގައި ޗުއްޓީއެއް ވެސް ހޭދަކޮށްފައިވާ އިރު، ނިކް ކުޅުނު ޓީވީ ސިލްސިލާ "ހަވާއި ފައިވް-0" އަކީ ވެސް އެ ސިޓީގައި ޝޫޓްކޮށްފައިވާ އެއްޗެކެވެ. އަނެއްކޮޅުން ޕަޕަރާޒީންގެ ދުއްތުރާތަކުން ސަލާމަތްވުމަށްޓަކައި ކައިވެނީގެ ހަފުލާ ބޭއްވުން އެންމެ ގާތީ ވެސް ހަވާއީގައި ކަމަށްވެ އެވެ.

ދެ ފަރާތުގެ އާއިލާ އިން ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ އިރު، ޕްރިޔަންކާގެ ދެބެންގެ ދެދަރި ކޮއްކޮ އަދި ބަތަލާ ޕަރިނީތީ ޗޯޕްޅާ ވަނީ ޕްރިޔަންކާ ކައިވެންޏަށް އޭނާ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަަމަށް ބުނެފަ އެވެ. އަދި ކައިވެނީގެ ހަފުލާވެގެން ދާނީ ވަރަށް ވެސް މަޖާ އެހާމެ ފޯރި ގަދަ ހަފުލާއަކަށް ވާނެ ކަމަށް ޕަރިނިތީ ބުންޏެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރިޔަންކާ އާއި ނިކްގެ ރޯކާ ސެރަމަނީޫ އާއި އޭގެ ފަހުން ބޭއްވި ހަފުލާތަކުގައި ވެސް އެންމެ ގަދަ އަށް ފޯރި ނެގި އެކަކީ ޕަރިނީތީ އެވެ.

އެންގޭޖްމަންޓް އިއުލާން ކުރި އިރު، ޕްރިޔަންކާ، 36، މިހާރު އަންނަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ހިންދީ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ސޮނާލީ ބޯސް ޑައިރެކްޓް ކުރާ "ދަ ސްކައި އިޒް ޕިންކް" އެވެ.