ސައުދީ އަރާމްކޯގެ ހިއްސާ ނުވިއްކަން ނިންމި ވާހަކަ ދޮގުކޮށްފި
ސައުދީ އަރާމްކޯގެ ހިއްސާ ނުވިއްކަން ނިންމި ވާހަކަ ދޮގުކޮށްފި

ރިޔާޒް (އޮގަސްޓް 23) - ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ހިއްސާ ނުވިއްކާ ގޮތަށް ނިންމާފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކުރި ޚަބަރު ސައުދީން ދޮގުކޮށްފި އެވެ.

ނިއުސް އެޖެންސީން ބުނީ އަރާމްކޯގެ ހިއްސާ ވިއްކުން ދުނިޔޭގެ ބައެއް ގައުމުތަކުގައި އިޝްތިހާރު ކުރުމަށް ފަހު ހިއްސާ ނުވިއްކަން ނިންމިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ނަމަވެސް އެކަން އިއުލާންކުރުން އަދި އޮތީ ފަސްކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ސައުދީގެ އެނާޖީ މިނިސްޓަރު ޚާލިދު އަލް ފާލިހް ވިދާޅުވީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް އަރާމްކޯގެ ހިއްސާ ވިއްކުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

އަރާމްކޯގެ ފަސް ޕަސެންޓް ހިއްސާ ވިއްކަން ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފުރަތަމަ ނިންމެވީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ. ހިއްސާ ވިއްކައިގެން ދެ ޓްރިލިއަން ޑޮލަރު ލިބޭނެ ކަމަށް ސައުދީން އަންދާޒާކޮށްފައިވެ އެވެ. ވަލީ އަހުދު މުހައްމަދު ގެންދަވަނީ ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަ ކުރުމުގެ ގޮތުން 2030 ގެ ތަސައްވަރާ އެކު އިގްތިސާދީ އެހެން ދާއިރާތަކަށް ވެސް އިންވެސްޓް ކުރަމުންނެވެ.

ސައުދީ އަރާމްކޯ އަކީ ދުނިޔޭގެ އެންމެ ބިޔަ ތެލާއި ގޭހުގެ ކުންފުންޏެވެ. ފޯބްސް މަޖައްލާ އިން ލަފާކޮށްފައިވާ ގޮތުގައި އެ ކުންޏަށް އާމްދަނީގެ ގޮތުގައި ދުވާލަކު އެއް ބިލިއަން ޑޮލަރު ލިބެ އެވެ.