23 އޯގަސްޓް 2018 - 09:29

ބަޣުދާދު (އޮގަސްޓް 23) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީގެ އަޑު ކަމަށް ބުނާ އާ އޯޑިއޯއެއް އަނެއްކާވެސް އެ ޖަމާއަތުން ނެރެފި އެވެ.
މިއީ މިިދޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން އައިއެސް އިން ނެރުނު ބަޣުދާދީގެ ފުރަތަމަ އޯޑިއޯ އެވެ. އެ ފަހަރު ނެރުނު ބަޣުދާދީގެ އަޑާ ވައްތަރު އަޑަކުން ވަނީ ކާމިޔާބު ލިބެން އޮތީ ކެތްތެރިކަމާ އެކު ތިބެ ކާފަރުންނާ ދެކޮޅު ހަދައިގެން ކަމަށް ބުނެފަ އެވެ. ބަޣުދާދީގެ އަޑު ކަމަށް ބުނާ މި ފަހަރުގެ އޯޑިއޯ މެސެޖްގައި މުޚާތަބް ކޮށްފައި ވަނީ އައިއެސްގެ ސަޕޯޓަރުންނަށެވެ.
"މުޖާހިދުންނަށް ނާކާމިޔާބީ ނުވަތަ ކާމިޔާބީގެ މިންގަނޑަކީ އެ މީހުން އަތުން ވަގަށް ދަމައިގަންނަ ޓައުންތަކާއި ސިޓީތަކެއް ނޫން. ނުވަތަ ވައިގެ ބާރުތަކުގެ މިސައިލްތަކާއި ބޮންތަކަށް ކުރިމަތިލާން ޖެހުމައް ވެސް ނޫން،" ބަޣުދާދީގެ އަޑު ކަމަށް ބުނާ އޯޑިއޯއާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވެ އެވެ.
އިރާގާއި ސީރިއާގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ހުރިހާ ސަރަހައްދެއްހެން މިހާރު ވަނީ އެ މީހުންގެ އަތުން ގެއްލިފަ އެވެ. ސީރިއާގައި އައިއެސް ބަލިކޮށްލުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައި ވަނީ ރަޝިޔާގެ ވައިގެ ހަމަލާތަކެވެ.
ބަޣުދާދީގެ އަޑުން ކަމަށް ބުނެ އޯޑިއޯއެއް ނެރެފައި މި ވަނީ މިދިޔަ އަހަރުގެ މެއި މަހު 28 ވަނަ ދުވަހު ދިން ވައިގެ ހަމަލާތަކުގައި ބަޣުދާދީގެ އިތުރުން އައިއެސްގެ 330 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.
ބަޣުދާދީ އަކީ އާއްމުކޮށް މީހުންނަށް ފެންނަ މީހެއް ނޫނެވެ. އޭނާގެ ފޮޓޯއެއް ނަގާފައި ވަނީ ވެސް އެންމެ ފަހަރަކު އެވެ. އެއީ ޖުލައި 2014 ގައި އައިއެސްގެ ޚިލާފަތު އިއުލާން ކުރަން މޫސަލްގެ ނޫރީ މިސްކިތުގައި ޚުތުބާ ދެނިކޮށެވެ. ބަޣުދާދީގެ ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއްވާ ކޮންމެ ފަހަރަކު އޭނާ މަރުވީ ކަމަށް ނުވަތަ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް އަޑުތައް ފެތުރެ އެވެ. ބަޣުދާދީ މަރާލާފައިވާ ކަމަށް ކުރިން ވަނީ ތިން ފަހަރަކު ބުނެފަ އެވެ.
ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.