ގަވައިދާ އެއްގޮތަށް ޕޯސްޓަރާއި ބެނާ ހަރުކުރަން ފުލުހުން އަންގައިފި
ގަވައިދާ އެއްގޮތަށް ޕޯސްޓަރާއި ބެނާ ހަރުކުރަން ފުލުހުން އަންގައިފި

އަންނަ މަހު 23ގައި ބާއްވާ އިންތިޚާބަށް ކެމްޕޭން ކުރުމަށް، ސިޔާސީ ޕާޓީތަކުން ބޭނުން ކުރާ ދިދަ އާއި ޕޯސްޓަރާއި ބެނާ އަދި ދިދަފަތި ހަރުކުރުމުގައި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރަން ފުލުހުން އަންގައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެމްޕޭނަށް ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ އެކަމާ މެދު ފިޔަވަޅުތަކެއް އަޅައިދޭން އެދި އެމްޑީޕީން މިއަދު ވަނީ އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން ކެމްޕޭނަށް މާލެ އާއި ބައެއް ރަށްރަށުގައި ޕޯސްޓަރާއި ބެނާ އާއި ދިދަ ދެމުމަށް ފުުލުހުންގެ ފަރާތުން ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ޕޯސްޓަރާއި ބެނާ ފަދަ ތަކެތިި ހަރު ނުކުރެވޭނެ ކަމަށް އަންގައި، އެ ތަކެތި ނަގައި، ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.

މިކަން ދޮގުކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި ހަރުކުރުމުގައި އިންތިހާބުތަކުގެ އާއްމު ގާނޫނާއި ގައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލާ އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

ފުލުހުން ބުނީ ކެމްޕޭން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތައް ހަމަހަމަކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުންގެ ފަރާތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ފަދަ އަމާން މާހައުލެއް ގާއިމްކޮށްދިނުމަށާއި ރިޔާސީ އިންތިހާބުގެ އެންމެހާ ކަންކަން އަމާންކަމާއި އޮމާންކަމާއެކު، ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށް އެ ތަނުގެ ބަޔާނުގައި ބުނެފައި ވެ އެވެ.