22 އޯގަސްޓް 2018 - 17:21

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެމްޕޭނަށް ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ އެކަމާ މެދު ފިޔަވަޅުތަކެއް އަޅައި ދޭން އެދި އެމްޑީޕީން އެކްޓިން ކޮމިޝަނަރަށް އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުވައިފި އެވެ.
އެ ސިޓީގައި ބުނީ ކެމްޕޭނަށް މާލެ އާއި ބައެއް ރަށްރަށުގައި ޕޯސްޓަރާއި ބެނާ އާއި ދިދަތައް ދެމުމުގައި ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ޕޯސްޓަރު ނުޖެހޭނެކަން އަންގައި ބެނާތަކާއި ދިދަ ވެސް ނުދެމޭނެކަން އަންގައި އެ ތަކެތި ނަގައި، ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ނަމަވެސް އިންތިހާބަށް ކުރިމަތި ލައިފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކެމްޕޭން ކުރުމުގެ ފުރުސަތު ހުރިހާ މުއައްސަސާތަކަށް ލާޒިމުކޮށްފައިވާ އިރު ފުލުހުންގެ ފަރާތުން ކެމްޕޭނަށް ހުރަސް އެޅުމަކީ ހިތާމަ ކުރި ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
"ހާއްސަ ގޮތެއްގައި ގާނޫނުގެ ބާރު ދަމަހައްޓަން ހުވާކޮށްގެން ތިބި ފުލުހުންގެ ކިބަައިން މިފަދަ އަމަލުތައް ފެނުމަކީ ނުހަނު ހިތާމަ ހުރ ކަމެއް ކަމުގައި ދަންވަމެވެ." ސިޓީގައިވެ އެވެ.
އެ ސިޓީގައި ވަނީ ކެމްޕޭން ކުރުމަށް އިންސާފުވެރިކަމާ އެކު ޖާގަ ދީ ވާދަވެރި މިނިވަން އިންތިހާބަކަށް ފަހި މާހައުލެއް ފުލުހުންގެ ފަރާތުން ކަށަވަރުކޮށްދީ، އެއްބާރުލުން ދިނުމަށް އެދިފަ އެވެ.
އެކްޓިން ކޮމިޝަނަރަށް ފޮނުވި ސިޓީގެ އިތުރަށް އެމްޑީޕީން ވަނީ ހުޅުމާލޭގައި ވެސް ކެމްޕޭން ކުރަން ދަތިތައް ކުރިމަތިވާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރި ކަމަށް ވެސް އެދިފަ އެވެ. އެ ކުންފުންޏަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭނަށް ހުޅުމާލޭން ވެސް ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ.
އެޗްޑީސީގެ ޗެއާމަން މުހައްމަދު ޝާހިދަށް އެމްޑީޕީން ފޮނުވި ސިޓީގައި ވަނީ ހުޅުމާލޭގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަން އެއްބާރުލުން ދޭން އެދިފަ އެވެ.