23 އޯގަސްޓް 2018 - 08:04

"ތޮހޮފާ" އާއި "ޕިޔާރް ކެ ދޯ ޕަލް" ފަދަ ފިލްމްތައް ކުޅެފައިވާ ކުރީގެ މަޝްހޫރު ބަތަލާ ޖަޔާ ޕްރަދާ ޓީވީ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
އުމުރުން މިހާރު 56 އަހަރުގެ ބަތަލާ ފެނިގެން ދާނީ އެންޑް ޓީވީން ވަރަށް އަވަހަށް ދައްކަން ފަށާ "ޕާފެކްޓް ޕަތީ" އިންނެވެ. މި ސިލްސިލާގައި ޖަޔާ ފެނިގެން ދާނީ ފިރިހެން ދަރިފުޅަށް ރަނގަޅު އަންބަކު ހޯދަން މަސައްކަތް ކުރާ މަންމައެއްގެ ރޯލުންނެވެ.
"ޕާފެކްޓް ޕަތީ" ގައި ޖަޔާގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާނީ އަޔޫޝް އާނަންދް އެވެ. މި ސިލްސިލާގެ ބަތަލާއަކީ މަރާޓީ ބަތަލާ ސަޔާލީ ސަންޖީވް އެވެ.
"ޕާފެކްޓް ޕަތީ" އަންނަ މަހުގެ 3 އިން ފެށިގެން ދައްކަން ހަމަޖެހިފައިވާ އިރު، މީގެ ޕްރޮމޯ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.
އިންޑިއާގެ ވަރަށް ގިނަ ބަހުރުތަކުން ފިލްމްތައް ކުޅެފައިވާ ޖަޔާ އެންމެ ފަހުން ފެނިގެން ދިޔަ ހިންދީ ފިލްމަކީ 2013 ގައި ރިލީޒް ކުރި ކަންގަނާ ރަނާވަތުގެ "ރައްޖޯ" އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން 2004-2014 އަށް ކޮށްފައިވާ ޖަޔާ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީ މަހު ރިލީޒް ކުރި މަލަޔާޅަމް ފިލްމް "ކިނާރް" އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ ތެލެގޫ ފިލްމް "ސުވަރްނާ ސުންދަރީ" އެވެ.
ޖަޔާ ވަނީ އޭނާގެ ރަން ޒަމާނުގައި ބޮލީވުޑްގެ އެންމެ ރަން ޒަމާނުގައި ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމް ކުޅެފަ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން، ޖީތެންދުރާ، ދަރްމެންދްރާ، ވިނޯދް ކަންނާ އަދި މިތުން ޗަކްރަބަތީ ފަދަ އެކްޓަރުން ހިމެނެ އެވެ.