23 އޯގަސްޓް 2018 - 08:05

ހިންދީ ފިލްމެއް ރީތި ބަތަލާއަކާއި ލަވަތަކާ ނުލައި ފުރިހަމައެއް ނުވާނެ އެވެ. އެކަމަކު އެކްޓަރު އަރްޖުން ކަޕޫރް މިހާރު ކުޅެމުން އަންނަ ފިލްމް "އިންޑިއާސް މޯސްޓް ވޯންޓެޑް" ގައި ލީޑިން ބަތަލާ އަކު ނުފެންނާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ އަޖޭ ދޭވްގަންގެ "ރެއިޑް" ގެނެސް ދިން ރާޖްކުމާރް ގުޕްތާ ޑައިރެކްޓް ކުރާ މި ސްޕައި ތުރިލާއަކީ އޭގެ މައި ފިރިހެން ކެރެކްޓާ އަށް އެކަނި ބަރޯސާވާ ފިލްމެކެވެ. އެހެންވެ ފިލްމްގައި ލޯބީގެ އެންގަލެއް ނުހިމެނޭނެ ކަމަށްވެ އެވެ.
"އިންޑިއާސް މޯސްޓް ވޯންޓެޑް" އަކީ ޓެރަރިސްޓަކު ހޯދަން ޖާސޫސީ އެޖެންޓަކު ކުރާ މަސައްކަތްތައް ކިޔައިދޭ ފިލްމެކެވެ. މީގެ ޝޫޓިން މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު، އަރްޖުން އަށް ޔަގީނުން ވެސް މި ފިލްމަކީ ތަފާތު ތަޖުރިބާއަކަށް ވާނެ އެވެ.
އޭނާ ބުނި ގޮތުގައި ސްޕައި ތުރިލާއެއް ކުޅުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ.
"މީގެ ކުރިން މަސައްކަތް ނުކުރާ ކަހަލަ މުޅިން ތަފާތު ފިލްމެއް އިންޑިއާސް މޯސްޓް ވޯންޓެޑްއަކީ. އެއްކޮޅުން ވަރަށް ނާވަސް އެކަމަކު ރާޖްއާ އެކު މި ކަހަލަ ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ތަފާތު ތަޖުރިބާއެއް،" މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" ގެ އެކްޓަރު ބުންޏެވެ. "ވަރަށް އުފާވި މި ފިލްމުން ފުރުސަތު ލިބުނީމަ."
އޭނާ ބުނި ގޮތުގައި "އިންޑިއާސް މޯސްޓް ވޯންޓެޑް" އަކީ އިންޑިއާގެ ސިނަމާ އަށް ކޮންމެހެން ވެސް ގެންނަން ޖެހޭ ކަހަލަ ފިލްމެކެވެ. އަދި މިއީ އިންޑިއާގެ ކޮންމެ ރައްޔިތަކު ވެސް ބަލަން ޖެހޭ ކަހަލަ ފިލްމެއް ކަމަށް އަރްޖުން ބުންޏެވެ.
އަރްޖުންއާ ބެހޭ ގޮތުން ރާޖް ބުނީ އެއީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ އެކްޓަރެއް ކަމަށެވެ.
"އޭނާއާ އެކު މަސައްކަތްކޮށްލެވޭތީ ވަރަށް އުފަލުން މިހިރީ،" ނޯވަން ކިލްޑް ޖެސިކާ އާއި ގަންޗައްކަރް ވެސް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
"އިންޑިއާސް މޯސްޓް ވޯންޓެޑް" ސިނަމާތަކަށް އަންނާނީ މެއި، 24، 2019 ގަ އެވެ.