ޕާކިސްތާނުގެ ސަރުކާރު މީޑިއާ ސެންސަރު ކުރުން އުވާލައިފި
ޕާކިސްތާނުގެ ސަރުކާރު މީޑިއާ ސެންސަރު ކުރުން އުވާލައިފި

އިސްލާމްއާބާދު (އޮގަސްޓް 22) - ޕާކިސްތާނުގެ ސަރުކާރު މީޑިއާތަކުގައި ސިޔާސީ ގޮތުން ޚަބަރުތައް ސެންސަރު ކުރުން އުވާލާފައިވާކަން އިންފޮމޭޝަން މިނިސްޓަރު ފަވާދު ހުސައިން ޗައުދަރީ އިއުލާން ކުރައްވައިފި އެވެ.

ޖުލައި މަހު ޕާކިސްތާނުގައި ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރި ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ލީޑަރު އިމްރާން ޚާން ވަނީ ގައުމަށް އިސްލާހީ އެތައް ބަދަލެއް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ ޕާކިސްތާން ޓެލެވިޒަން (ޕީޓީވީ) އާއި ރޭޑިއޯ ޕާކިސްތާނުން އުފައްދަން ބޭނުންވާ ކޮންޓެންޓުގައި ފުރިހަމަ އެޑިޓޯރިއަލް މިނިވަންކަން މިހާރު އޮންނާނެ ކަމަށެވެ.

"ބޮޑު ވަޒީރު އިމްރާން ޚާންގެ ތަސައްވަރާ އެއްގޮތަށް ޕީޓީވީގައި ސިޔާސީ ސެންސާޝިޕް މިހާރު ވަނީ އުވާލާފައި. ޕީޓީވީ އާއި ރޭޑިއޯ ޕާކިސްތާނުގައި އެޑިޓޯރިއަލް ފުރިހަމަ މިނިވަންކަން މީގެ ފަހުން އޮންނާނެ. އަދި ކުރިއަށް އޮތް ތިން މަސް ތެރޭ އިންފޮމޭޝަން ޑިޕާޓްމަންޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ،" އިންފޮމޭޝަން މިނިސްޓަރު ފަވާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވި އިމްރާން ޚާން ގައުމާ މުޚާތަބް ކުރައްވާ ދެއްވި ފުރަތަމަ ތަގްރީރުގައި ވަނީ ޕާކިސްތާނަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ސަރުކާރުގެ މުވައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ކޮރަޕްޝަން ނައްތާލުމަށް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.