22 އޯގަސްޓް 2018 - 11:32

ބެއިޖިން (އޮގަސްޓް 22) - ގައުމު ބަނގުރޫޓުވެ ދަރަނި ނުދެއްކިދާނެހެން ހީވާތީ މެލޭޝިއާގައި ޗައިނާގެ ކުންފުނިތަކުން ކުރިއަށް ގެންދާ މެގަ ދެ ޕްރޮޖެކްޓް ހުއްޓާލަން ބޮޑު ވަޒީރު މަހާތިރު މުހައްމަދު ނިންމަވައިފި އެވެ.

މެލޭޝިއާގައި އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކެއް ޗައިނާގެ އެހީގައި ފަށާފައި ވަނީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގަ އެވެ. ޗައިނާ އިން ފަށާފައިވާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މެގަ ޕްރޮޖެކްޓްތަކަކީ މެލޭޝިއާގެ އިގްތިސާދަށް ކުޅަދާނެ ޕްރޮޖެކްތަކެއް ނޫން ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ. މަހާތިރު ޗައިނާ އަށް ވަޑައިގެންނެވީ ވެސް މި ޕްރޮޖެޓްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.
"މެލޭޝިއާ ބަނގްރޫޓް ވެގެންދާ ތަން ފެނުމަކީ ޗައިނާ އިން ވެސް ދެކެން ބޭނުންވާނެ މަންޒަރެއް ނޫންހެން އަޅުގަނޑަށް ހީވަނީ،" ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރެއްވުމަށް ފަހު މަހާތިރު ވިދާޅުވި އެވެ.
މެލޭޝިއާ އިން ހުއްޓާލާ އެއް ޕްރޮޖެކްޓަކީ އީސްޓް ކޯސްޓް ރެއިލް ލިންކެވެ. އަނެއް ޕްރޮޖެކްޓަކީ ސަބާހް ސްޓޭޓުގެ ގޭސް ހޮޅި މަޝްރޫއެވެ.
މަހާތިރު ވިދާޅުވެފައި ވަނީ ޗައިނާގެ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަަށެވެ. ބިޑް ކުރުން ކުރިއަށް ގެންދިއަ ގޮތް ސާފު ނުވާ ކަމަށާއި ޗައިނާގެ ކުންފުނިތަކުން މަސައްކަތް ކުރާއިރު ލޯކަލް ލޭބަރުންގެ ބަދަލުގައި ޗައިނާގެ ލޭބަރުން އިމްޕޯޓްކުރާކަން މަހާތިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ނިއު ޔޯކް ޓައިމްސް އަށް މަހާތިރު ދެއްވި އިންޓަވިއުއެއްގައި ވަނީ އީސްޓް ކޯސްޓް ރެއިލް ލިންކް މެލޭޝިއާގެ ކުންފުންޏަކަށް 13.4 ބިލިއަން ޑޮލަރަށް ހެދޭނެ ކަން ޔަގީންވެފައިވާ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެ މަޝްރޫއު ޗައިނާ ސަރުކާރުގެ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އަށް ދިނީ އަގު ބޮޑުކޮށް ކަމަށެވެ. މެލޭޝިއާގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ އެ މަޝްރޫއު ސީސީސީސީ އަށް ދީފައި ވަނީ 20 ބިލިއަން ޑޮލަރަށް ކަމަށެވެ.
ޕައިޕްލައިން ޕްރޮޖެކްޓުގެ އަގަކީ 2.5 ބިލިއަން ޑޮލަރު ކަމަށްވާއިރު މެލޭޝިއާ އިން މިހާތަނަށް ދެ ބިލިއަން ޑޮލަރު ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަނަށް ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
މެލޭޝިއާގެ ދަރަނި ވަނީ 250 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.