އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ކުރިމަގު އުޖާލާ: ކޯޗު
އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ކުރިމަގު އުޖާލާ: ކޯޗު

އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގެ ފަރާތުން ކުރިއެރުން ފެނުނު ކަމަށާއި ދުރު މުސްތަގުބަލަކަށް ބަލާއިރު ކުރިމަގު އުޖާލާ ކަމަށް އަންހެން ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ކުރިމަގު އުޖާލާ: ކޯޗު
އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ކުރިމަގު އުޖާލާ: ކޯޗު

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ނިސްބަތުން ރާއްޖޭގެ ޓީމުގެ ނަތީޖާތައް ރަނގަޅެވެ. މިދިޔަ ހަތަރު އަހަރު ކުރިން ދެކުނު ކޮރެއާގެ އިޗިއޮންގައި ބޭއްވި އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ތަފާތު ބޮޑު ނަތީޖާތަކުން ބަލިވެފަ އެވެ. އިންޑިއާ އަތުން 15-0 އިން ބަލިވިއިރު، ތައިލެންޑް އަތުން 10-0 އިން އަދި ކޮރެއާ އަތުން 13-0 އިން ބަލިވި އެވެ.

އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ކުރިމަގު އުޖާލާ: ކޯޗު
އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ކުރިމަގު އުޖާލާ: ކޯޗު

އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން އިންޑޮނީޝިއާ އަތުން ބަލިވީ 6-0 އިންނެވެ. ދެ ވަނަ މެޗުގައި ވަރުގަދަ ދެކުނު ކޮރެއާ އަތުން 8-0 އިން ބަލިވިއިރު، ފަހު މެޗުގައި އިއްޔެ ވަނީ ޗައިނީސް ޓައިޕޭ އަތުން 7-0 އިން ބަލިވެފަ އެވެ.

އާތީ މުބާރާތަށް ތައްޔާރުވިއިރު ބުނީ މުބާރާތުގައި ކުޅެން ޖެހެނީ ފެންވަރަށް ބަލާއިރު ވަރަށް ރަނގަޅު ޓީމުތަކާ ދެކޮޅަށް ކަމަށްވާތީ އެންމެ ބޮޑު ޓާގެޓަކީ ރަނގަޅު ކުޅުމެއް ދައްކައި ކޮޅަށް ވަންނަ ގޯލު މަދުކުރުން ކަމަށެވެ. އިއްޔެ ޗައިނީސް ޓައިޕޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އާތީ ވަނީ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ހާސިލްވި ކަމަށް ބުންޏެވެ.

"އެންމެ ފަހުން އޭޝިއަން ގޭމްސްގައި އަހަރެމެން ކޮޅަށް ވަން 15، 13 އަދި 10 ގޯލު. މި ފަހަރު ޓާގެޓް ކުރީ އެ ވަރު ވަނަ ނުދޭން. އަހަރެމެންގެ ކުޅުންތެރިން ކޮލިޓީގެ ބޭނުންކޮށް ކުޅެން ޖެހެނީ ވަރަށް ފަހަތަށް ޖެހިގެން. ޑިފެންސްކޮށްގެން. އެއީ އިދިކޮޅަށް ކުޅޭ ކުޅުންތެރިންނަށް ޖާގަދޭނަމަ އެ މީހުން ޖަހާނެ. އަހަރެެމެން ކޮޅަށް ގިނަ ލަނޑު ވަދެގެން ކުޅުންތެރިން މާޔޫސްވެ ކޮންފިޑެންސް ގެއްލެން އަހަރެން ބޭނުމެއް ނޫން،" އާތީ ބުންޏެވެ.

އާތީ ބުނީ ރާއްޖޭން 2002 ވަނަ އަހަރު އަންހެން ފުޓްބޯޅައިގެ މަސައްކަތް ފެށިއިރު ފުރަތަމަ ކުޅުންތެރިން ގެންނަން ޖެހުނީ އެހެން ކުޅިވަރުތަކުން ކަމަށާއި އަދި ކުރިއަރުވަން ބަލާއިރު ގޮންޖެހުންތަކެއް ވެސް ހުރި ކަމަށެވެ.

"އަންހެން ކުޅުންތެރިންނަށް ލީގެއް ނޯވޭ. އަހަރެމެންގެ ތިބީ ފުޓްސަލް ކުޅޭ ކުޅުންތެރިން. ފުޓްސަލް ޓީމުން އަހަރެމެން ކުޅުންތެރިން މި ނަގަނީ. އަހަރެމެންގެ މި އޮންނަނީ ވެސް އެންމެ ޓީމެއް،" އާތީ ބުންޏެވެ.

އާތީ ބުނީ ޓީމަށް ޕްރެކްޓިސް ކޮށްދޭން ކުޅެން ޖެހެނީ 14 އަހަރާއި 16 އަހަރުން ދަށުގެ ފިރިހެން ޓީމާ ދެކޮޅަށް ކަމަށާއި އެ މެޗުތަކުގައި ޗެލެންޖެއް ނުފެންނަ ކަމަށެވެ.

އޭނާ ބުނީ އަންހެން ފުޓްބޯޅަ ކުރިއަރުވަން އޮތް އެންމެ ބޮޑު އަނެއް ހުރަހަކީ އިޖުތިމާއީ ގޮތުން ހުރި ހިޔާލުތަފާތުވުންތަކެއް ކަމަށެވެ.

"ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމެއް. ދެން އެހެންވެ ބައެއް ފަހަރު ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް އެބަހުރި. އެކަމަކު މިހާރު އެކަން ވެސް އެބަ ބަދަލުވޭ އެއީ ބެލެނިވެރިންގެ ވިސްނުން ވެސް ބަދަލުވާތީ. އަހަރެމެން މިހާރު ފަށައިފިން 19 އަހަރުން ދަށުގެ ޓީމުގެ މަސައްކަތް ވެސް. އެ މީހުން މިހާރު އަންނަނީ ގަވާއިދުން ޕްރެކްޓިސް ކުރަމުން. ދެން އަހަރެމެން ވަރަށް އަވަހަށް ފަށާނަން 16 އަހަރުން ދަށުގެ ޓީމުގެ މަސައްކަތް ވެސް،" އޭޝިއަން ގޭމްސްގެ ރަސްމީ މީޑިއާއާ ވާހަކަދައްކަމުން އާތީ ބުންޏެވެ.

މިދިޔަ އަހަރު އެފްއޭއެމުން ވަނީ އަންހެން ފުޓްބޯލް ލީގެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. އެ މުބާރާތުގައި ބައިވެރިވީ ނިއު ރޭޑިއަންޓުން އެކަންޏެވެ. އެހެން ޓީމުތަކުން ބައިވެރިނުވި އެއް ސަބަބަކީ ވަގުތު ކުޑަތަންވެފައި އޮއްވައި އެފްއޭއެމުން މި މުބާރާތް އިއުލާން ކުރުމެވެ.

އާތީ ބުނީ ޕްރިމިއާ ލީގުގައި ކުޅޭ 10 ޓީމުގައި އަންހެން ޓީމެއް އޮތުމަކީ އަންހެން ފުޓްބޯޅަ ކުރިއަރުވަން ކޮށޭނެ މަގެއް ކަަމަށާއި އަންނަ އަހަރަށް ޕްލޭނެއް އެބައޮތް ކަމަށެވެ.

"ޕްރިމިއާ ލީގުގައި ކުޅޭ 10 ޓީމަށް ސަރުކާރުން އެންމެ ގިނަ ފައިސާ ހަރަދުކުރަނީ. އެހެންވީމަ ވިސްނުންހުރީ އެ 10 ޓީމުގައި އަންހެން ޓީމެއް އޮންނަ ގޮތް ހެދުން. ދެން ލީގެއް ފެށުން. އެކަމަކު 11 ކުޅުންތެރިން ހިމެނޭ ގޮތަށް ޓީމު ހަދައިގެން މުބާރާތް ކުޅެވޭ ގޮތް ނުވެއްޖިއްޔާ ދެން ވިސްނާނީ 8 ކުޅުންތެރިން ހިމެނޭ ގޮތަށް ޓީމު ހަދައިގެން ލީގު ކުރިއަށްގެންދަން. އަންނަ އަހަރު މަސައްކަތް ފަށާނަން،" އާތީ ބުންޏެވެ.

ބަންގްލަދޭޝްގައި 2016 ވަނަ އަހަރުގެ ފަހުކޮޅުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީލަންކާ ބަލިކޮށް ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުންނެވެ.

އަންހެން ފުޓްބޯޅަ ޓީމު އަންނަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އާތީގެ އިރުޝާދުގެ ދަށުން ފަރިތަކުރަމުންނެވެ. މި އަހަރުގެ މާޗް މަހު އަންހެން ގައުމީ ޓީމު ވަނީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު އަތުން 2-0 އިން ބަލިވެފަ އެވެ.

އާތީ ވަނީ އޭޝިއަން ގޭމްސް އިން ލިބޭ ތަޖުރިބާއާ އެކު ޑިސެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށް ބުނެފަ އެވެ.

"އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕްގައި އަހަރެމެން ސެމީގައި ކުޅުނިން. މި ފަހަރުގެ ޓާގެޓަކީ ފައިނަލް،" އާތީ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް ކޯޗުކޮށްދެނިކޮށް އެފްއޭއެމްގެ ހުށަހެޅުމަށް އަންހެން ޓީމާ ހަވާލުވީ ޕްލޭނެއް އޮވެގެން ކަމަށާއި މިދިޔަ އަހަރެއްހާ ދުވަހު ވެސް ކުރެވުނު މަސައްކަތުން ޓީމަށް ކުރިއެރުން ހޯދައިދެވިއްޖެ ކަމަށް އާތީ ބުންޏެވެ.