23 އޯގަސްޓް 2018 - 08:03

ފިލްމެއް ކުޅެން ޝައުގުވެރި ކަމެއް ނެތް ކަމަށާއި ސްޕޮޓްލައިޓަށް އައުމަކީ އެހާ ގަޔާވާ ކަމެއް ވެސް ނޫން ކަމަށް ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތު ބުނެފި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު އެ ދެ މީހުން ކައިވެނި ކުރި ހިސާބުން ފެށިގެން ވެސް، މީރާ ބޮލީވުޑަށް ނުކުންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެ ވަރަށް ގިނަ ވާހަކަތައް ފެތުރިފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން އެންމެ ފަހުން ޝާހިދު ބުނެފައި ވަނީ މި ޒަމާނުގެ އަނބިންނަކީ ވަރަށް މިނިވަންކޮށް އުޅޭ ބައެއް ކަމަށާއި އެ މީހުން ބޭނުންވާ ކަމެއް ކުރާނެ ކަމަށެވެ. އެހެންވެ މީރާ ވަކި ކަމެއް ކުރަން ބޭނުންވެގެން އެކަން ކުރަން އުޅޭ ނަމަ އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ބުންޏެވެ.
ދާދި ފަހުން މީރާ ވަނީ އަންހެނުންނަށް ހާއްސަ ކޮސްމެޓިކް ބްރޭންޑް ކަމަށްވާ އޮލޭގެ ކްރީމެއްގެ އިޝްތިހާރެއް ވެސް ކުޅެފަ އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ބޮލީވުޑަށް ނުކުންނަން މީރާ އެޅި ފުރަތަމަ ފިޔަވަޅެއް ވެދާނެ ކަމަށެވެ. އޮލޭގެ އިޝްތިހާރުގައި މީރާ ދެއްކި ހުނަރަށް ބައެއް މީހުން ވަނީ ވަރަށް ބޮޑަށް މަލާމާތް ވެސްކޮށްފަ އެވެ.
އެއް ބަޔަކު ބުނެފައި ވަނީ އޭނާގެ ފެނިލުން އެއްގޮތަށް ވެސް ކަމުނުދާ ކަމަށެވެ.
ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި މީރާ ބުނީ އިޝްތިހާރެއް ކުޅުނަސް، ފިލްމް ކުޅުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށެވެ.
"އަހަރެން އެ އިޝްތިހާރު ކުޅެން އެއްބަސްވީ އަހަންނަށް ވެސް ވަރަށް ކަމުދާ ބްރޭންޑަކަށް އޮލޭވެފައި، މަޔަކަށްވާތީ އަންހެނުންގެ ހަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްކަން އެނގޭތީ. ހަމަ އެއްޗެއް ކުޅެލަން ވެގެން ކުރި ކަމެއް ނޫން އެއީ،" އޭނާ ބުންޏެވެ. "އެކަމަކު އަހަރެންގެ ނެތް ފިލްމްތަކުގައި އެކްޓް ކުރުމުގެ އެއްވެސް ޝައުގުވެރި ކަމެއް."
ދެވަނަ ދަރިއަކަށް ބަލިވެ އިން މީރާ ބުނި ގޮތުގައި އެކްޓް ކުރުން ކަހަލަ ކަންކަމަކީ އަބަދު ވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން އެ މީހަކަށް ހުއްޓޭނެ ކަމެކެވެ. އަދި ވަރަށް ގިނަ މީހުންގެ ފާޑުކިޔުންތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށް ބުންޏެވެ.
"މި ޒަމާނުގައު މީހަކު ކޮށްލާ ކިތަންމެ ކުޑަކުޑަ ކަމަކަށް ވެސް އެތައް ބައެއްގެ ފާޑުކިޔުންތައް އަންނާނެ އެކަމަކު އަބަދު މީހުން އެ މީހަކު ޖަޖް ކުރަން ވެއްޖެ ނަމަ އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ،" މީރާ ބުންޏެވެ. "ނަސީބު ދިމާކުރި ގޮތުން ޝާހިދާއި އާއިލާ އަދި ރައްޓެހިން ވެސް ވަރަށް ސަޕޯޓިވް."